12 Oct 2020, 22:57
މި މަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓްހައުސްތައް އޮޕަރޭޓްކުރަން ފަށާއިރު، ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭގޮތުން، އެންމެން މާސްކް އެޅުން މަޖުބޫރުވާނެކަން ހަނދާން ބެހެއްޓުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްތަކުގައި މާސްކް އެޅުން މަޖުބޫރު ކުރުމާ ގުޅޭ އެންގުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.
ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭނީ ކޮވިޑް19 ސޭފް ޕްލޭން އެކުލަވާލާ ގެސްޓްހައުސްތަކަށް އެކަންޏެވެ. އެގޮތުން ގެސްޓްހައުސްތަކުން އެކުލަވާލާ ޕްލޭން މިނިސްޓްރީ އަށް ފޮނުވުމުން މިނިސްޓްރީ އިން އެ ޕްލޭން ބަލައި ހުއްދަ ދޭނީ ރަށު ކައުންސިލުން ގެސްޓްހައުސް އަށް ގޮސް، ޕްލޭނާ އެއްގޮތަށް ހުރިތޯ ޗެކް ކުރުމަށް ފަހު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަމަވާ ނަމަ އެވެ.
އެގޮތުން ކޮންމެ ގެސްޓްހައުސް އަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރަންޖެހޭނެ އިރު އައިސޮލޭޝަން އަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ ކަމަށް މިހާރު އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވެއެވެ.
އެގޮތުން 500 އަށްވުރެ ގިނަ އެނދު ހުންނަ ރަށްތަކުގައި މީހުން އެކަހެރިކުރާނެ 15 ކޮޓަރި، 100 އާއި 500 އާދެމެދުގެ އެނދު އޮޕަރޭޓް ކުރާ ރަށްތަކުގައި އަށް ކޮޓަރި އަދި 100 އެނދު ހަމަނުވާ ރަށްތަކުގައި މީހުން އެކަހެރި ކުރާނެ ފަސް ކޮޓަރި ހުންނަން ޖެހޭނެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދޭ ނިޝާންތަކާއި ޕޯސްޓަރުތައް ގެސްޓްހައުސްގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭ އިރު ޕީޕީއީ ވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހެ އެވެ. ހުރިހާ ސްޓާފުންނަށް ކޮވިޑް19ގެ މައުލޫމާތު ދީ މި ހާލަތުގައި މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދޭން ޖެހެ އެވެ.
މީގެ އިތުރުން ސްޓާފުންނަށް ހާއްސަ މަސައްކަތު ޔުނިފޯމު ބަދަލުކޮށް ގެއަށް ދިޔުމުގެ ކުރިން ފެންވެރުމުގެ އިންތިޒާމު ގެސްޓްހައުސްގައި ހަމަޖައްސަން ޖެހޭނެއެވެ.
ގެސްޓްހައުސް ހުޅުވުމުގެ ކުރިން ރަށުގެ ރައްޔިތުންނަށް ބައްޔާ ބެހޭ މައުލޫމާތުދީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރި ކުރަން ޖެހެ އެވެ. ގެސްޓްހައުސް އޮޕަރޭޓުކުރާ ރަށްރަށުގައި ހާއްސަ ފްލޫ ކްލިނިކެއް ގާއިމްކޮށް އެތަނުގައި އެކަށީގެންވާ މިންވަރަކަށް ޕީޕީއީ އާއި ޓެސްޓު ކިޓްގެ ސްޓޮކް އަބަދު ވެސް ބަހައްޓަންޖެހެ އެވެ.
ގެސްޓްހައުސް ހިންގާ ރަށްރަށުގެ ޓެކްސީތަކުގައި ޕާޓިޝަން ޖަހަން ޖެހޭނެއެވެ. އަދި ފަތުރުވެރިން އާންމުން ދިރިއުޅޭ ގެތަކަށް ވަނުމަކީ މަނާކަމެކެވެ.
ބުރާސްފަތި ދުވަހު އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް، މާލެ ސަރަހައްދުތަކުގެ ގެސްޓްހައުސްތައް ނުހުޅުވޭނެއެވެ.
މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނީ މާލެ ސަރަހައްދުން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވާ މިންވަރު 28 ދުވަސް ވަންދެން ފަސް ޕަސެންޓުގައި ހިފެހެއްޓުމުންނެވެ. އެއީ ސާމްޕަލްގެ އަދަދުން ބަލާނަމަ ދުވާލަކު 1000 ސާމްޕަލް އަށްވުރެ މަދު ނޫން އަދަދަކުން ޕޮޒިޓިވް ޕަސެންޓޭޖު ފަހަކަށް ވުރެ ދަށުގައި ހިފެހެއްޓުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖޭގެ 86 ރަށުގައި 10،000 އަށްވުރެ ގިނަ ގެސްޓްހައުސް އެނދު ހުރި އިރު 6000 އަށްވުރެ ގިނަ ރައްޔިތުންގެ އާމްދަނީ އާއި ވަޒީފާ ގުޅިފައި ވަނީ ގެސްޓްހައުސް ސިނާއަތަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 ޕަސެންޓަކީ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.