12 Oct 2020, 22:24
ކޮވިޑް19 އަށް ޕޮޒިޓިވް 49 މީހަކު މިއަދު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި ރޭގެ 18:00 އިން ފެށިގެން މިއަދުގެ 18:00 އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ. އެއީ 33 ދިވެހީންނާއި 16 ބިދޭސީންނެވެ.
މިއަދު ޕޮޒިޓިވްވި 49 މީހުންގެ ތެރެއިން 43 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.
މިއަދު 49 މީހަކު ޕޮޒިޓިވްވި އިރު، 1،303 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ. އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 35 މީހުންނެވެ.
އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 10،943 އަށް އަރައިފައެވެ. އޭގެ ތެރެއިން 9،783 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 1،118 މީހުންނެވެ. އޭގެ ތެރެއިން 68 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 389 މީހުންނެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް 35 މީހުން ވަނީ މަރުވެފައެވެ.