12 Oct 2020, 21:23
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް ޖޫރިމަނާގެ ފައިސާ ރައީސް ޔާމީން ދައްކަވާފައިނުވާ ކަމަށްފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ދާދިފަހުން ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އޮތީ އިސްތިއުޏާފުގެ މަރުހަލާގައި ހައިކޯޓުގައި ކަމަށެވެ. އެހެންކަމުން އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް އެ ފައިސާ ދައްކަވަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި މިހާލަތުގައި ރައީސް ޔާމީން، ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް އެއްޗެއް ނޯންނާނެ. އެ ނުދައްކައިގެން އެއްވެސް ވާހަކައެއް ނުވެސް ދެއްކޭނެ،" އަދުރޭ ވިދާޅުވިއެވެ.
މިނިސްޓަރު އަމީރުގެ ވާހަކަފުޅަކީ ރައްޔިތުންގެ ހިތްތަކުގައި ރައީސް ޔާމީން އާ މެދު ނަފްރަތު އުފެއްދެވުމަށްޓަކައި ދައްކަވާފައިވާ ވާހަކަ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.
އަދުރޭ ވިދާޅުވީ މިނިވަންކަމާ އެކު ހުކުމް ކުރުމުގެ ޖާގަ ފަނޑިޔާރުންނަށް ނުލިބޭހާ ހިނދަކު ރައީސް ޔާމީނަށް އިންސާފު ނުލިބޭނެ ކަމަށެވެ. އަދި ޖުޑީޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނުގެ މައްސަލައަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އެފަހަރުވެސް ހުކުމާ ހަމައަށް ދިޔައީމަ ހަމަ ކުއްލިއަކަށް ފަނޑިޔާރު ބަދަލުކުރުމާ މިކަހަލަ ސަކަރާތްތަކެއް ޖެހީ. އެހެންވީމަ ހަމަ ގަބޫލު ނުކުރެވެނީ ރައީސް ޔާމީން އަށް އިންސާފުވެރި ޝަރީއަތެއް ދީފާނެ ކަމަށް. އޭގައި ޖޭއެސްސީގެ ދައުރެެއް އެބައޮތް،" އަދުރޭ ވިދާޅުވިއެވެ.