އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ވާޗުއަލްކޮށް ކުރިއަށް ދިޔަ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އިންޑޮނީޝިއާ އަދި މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ހައިކޮމިޝަނަރުންނާއި، ލާއޯސް، ފިލިޕީންސް، ތައިލެންޑް އަދި ވިއެޓްނާމް އިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އެމްބެސެޑަރުންނާ ބައްދަލުކުރައްވައިފައެވެ.

އާސިއާން ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވުން --

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ކޮވިޑް19ގެ ސަބަބުން ރާއްޖެއާއި އާސިއާންގެ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެންމެ ފަހުގެ މައުލޫމާތު ސަފީރުން މިނިސްޓަރާ ހިއްސާ ކުރެއްވި ކަމަށެވެ.

އަދި ރާއްޖެއާއި އާސިއާންގެ ގައުމުތަކާއެކު އޮންނަ ދޭދޭ ގުޅުން ބަދަހިކުރުމާއި، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އޭގެ އިތުރުން ކޮވިޑް19 އާއި ގުޅިގެން ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމަކީ މިނިސްޓަރުގެ އިސްނެންގެވުމަކަށް، އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.