މޯލްޑިވްސް އިންލޭންޑް އޮތޯރިޓީ (މީރާ) މެދުވެރިކޮށް ފާއިތުވި، 2011 ވަނަ އަހަރުގެ ހަތަރު ވަނަ، އަދި ފަހު ކުއާޓާގައި ދައުލަތަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާ އިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި 1.2 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް ހަތަރު ވަނަ ކުއާޓާގައި ލިބުނު އާމްދަނީ ހަ ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި މީރާ އަށް 59.5 މިލިއަން ޑޮލަރު (917 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި މީރާ އަށް އެންމެ ގިނަ އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. އެ ކުއާޓާގެ އާމްދަނީގެ 28 ޕަސެންޓް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އަދި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 25 ޕަސެންޓް އާމްދަނީ ލިބިފައިވާ އިރު ޓޫރިޒަމް ޓެކްސް އިން ލިބުނު އާމްދަނީ 17 ޕަސެންޓް ހިއްސާ ކުރެ އެވެ.