ސަރަހައްދީ ފެންވަރުގެ ބައިނަލް އަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް ލިބިއްޖެ އެވެ.

ސްޓެލްކޯއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިފައިވަނީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް 2020ގަ އެވެ.

އެ ރަސްމިއްޔާތުގައި ސްޓެލްކޯއަށް ލިބިފައިވަނީ "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑެވެ. ދެވަނައަށް ލިބިފައިވާ އެވޯޑަކީ އިންޑިވިޖުއަލް ކެޓަގަރީއިން "އިމާޖިން ލީޑާ އޮފް ދި އިޔާ" ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީއަށް ލިބިގެންދިޔަ އެވޯޑެވެ.

ސްޓެލްކޯއަށް ލިބިފައިވާ ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯގެ އެވޯޑަކީ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި ހިތްހަމަޖެހުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ލަފާއާއި އިރުޝާދާއެކު ކުންފުނިން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއް ކަމަށް އެކުންފުނީން ބުނެ އެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިން ކުންފުނި ހިންގުމުގައި ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކޮށް، ބޭނުން ކުރުމާއި ކުންފުނީގެ ހިންގުމާއި އޯވަރޯލް ޕާފޯމެންސް އަދި ގަވާނެންސް ހަރުދަނާވުމުގެ އިތުރުން ކުންފުނީގެ ގްރީންލައިފް އިނިޝިއޭޓިވް ނުވަތަ ތިމާވެއްޓާއި ރައްޓެހި ހަކަތައަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމާއި، ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ފާހަގަކުރެވޭ ފިޔަވަޅުތަކެއް ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެ އެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ އެ ކުންފުންޏަކީ ރައްޔިތުންނާއި ސީދާ ގުޅިފައިވާ ކުންފުންޏަކަށްވާ ހިނދު، ކުންފުނީގެ ފަރާތުން އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ގެންގުޅެފައިވާ ސިޔާސަތުތަކުގެ ހަރުދަނާކަން މި އެވޯޑުން ހާމަވާ ކަމަށެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ދުޅަހެޔޮ ސިއްހަތު ދަމަހައްޓާނެ ގޮތްތައް ހަމަޖެއްސުމާއި އިންޝިއުރެންސް ސްކީމްގެ އިތުރުން އެޕްރެންޓިސްޝިޕް އަދި ސްކޮލާޝިޕް ޕްރޮގްރާމް އާއި އިތުރު ކޯސްތައްވެސް ކުރިއަށް ގެންދާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

އިމާޖިން ލީޑާ އޮފް ދި އިޔާގެ ގެ އެވޯޑް ހަސަން މުޣުނީއަށް ލިބިވަޑައިގެންފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ކަންކަން ފުރިހަމަކޮށް ގެންދިއުމުގެ އިތުރުން ކުންފުންޏާއި މެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރާއި، ތަސައްވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރައްވާ ކަންކަމުގެ މައްޗަށް ކަމަށް ސްޓެލްކޯއިން ބުނެ އެވެ. ކަސްޓަމަރުންނަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ސްމާޓް މީޓަރިން ތައާރަފް ކުރުމާއި ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި އަވަސް މިނެއްގައި ކަރަންޓު ދިނުމަށްޓަކައި ޒަމާނީ ސްކާޑާ ސިސްޓަމެއް ގާއިމް ކުރުމާއ ކަރަންޓުގެ ގައުމީ ވިއުގައެއް ގާއިމް ކުރުމަށް ހިންގާ އިންޓަކަނެކްޝަން ޕްރޮގްރާމްތައް ހިމެނޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.