ވޮޝިންޓަން (ޖަނަވަރީ 18) : އެމެރިކާއަށް ކުރިމަތިވެފައިވާ އިޤްތިސާދީ މައްސަލަތަކާ ގުޅިގެން ރައީސް ބަރަކް އޮބާމާގެ މަޤްބޫލުކަން އެމެރިކާގެ ޢާންމުންގެ މެދުގައި ވަރަށް ބޮޑަށް ދަށަށް ހިނގައްޖެކަން ޚިޔާލުފާޅުކުރުމުގެ ސާވޭއަކުން ހާމަވެއްޖެވެ.

ސީއެންއެންއާއި އޯއާރުސީ އިންޓަރނޭޝަނަލްއިން ކުރި މިސާވޭގެ ނަތީޖާ ދައްކާގޮތުން އޮބާމާގެ ތާއީދުވަނީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި 49 ޕަސެންޓުން 47 ޕަސެންޓަށް ދަށަށް ގޮސްފައެވެ.
މިމުއްދަތުގައި އެމެރިކާގެ އިދިކޮޅު ޕާޓީގެ ތާއީދު ވަނީ 48 ޕަސެންޓުން 51 ޕަސެންޓަށް މައްޗަށް ގޮސްފައެވެ. މިސާވޭގައި އެމެރިކާގެ އާންމުންގެ 51 ޕަސެންޓް މީހުން ބުނެފައިވަނީ އޮބާމާގެ ވެރިކަމުގައި އިޤްތިސާދީ ތަނަވަސްކަން ފެންނަމުން ނުދާކަމަށާއި އިޤްތިސާދު ދަށުން ދަށަށް ދާކަމުގައެވެ. ނަމަވެސް އިޤްތިސާދު ރަނގަނޅުވަމުންދާ ކަމަށް 18 ޕަސެންޓް މީހުން ދެކެއެވެ.

އަނެއްކޮޅުން އެމެރިކާގެ ކޮންގްރެސްގެ މެންބަރުންގެ މަސައްކަތާމެދުވެސް އެމެރިކާގެ 84 ޕަސެންޓް މީހުން ނުރުހޭކަން ޚިޔާލު ހޯދުމުގެ އެހެން ސަރވޭއަކުންވަނީ ހާމަވެފައެވެ. ވޮޝިންގޓަން ޕޯސްޓާއި އޭ.ބީ.ސީ.ނިއުސް ގުޅިގެންކުރި ސަރވޭއަކުން ހާމަވާގޮތުގައި ކޮންގްރެސްގެ މަސައްކަތް ރަނގަނޅަށް ދާކަމަށް ޤަބޫލުކުރަނީ އެމެރިކާގެ 13 ޕަސެންޓް މީހުންނެވެ. -- ނޫސްއެޖެންސީތައް