ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މާލެ، ވިލިމާލެ ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެގްރިމަންޓްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް، މިކަމުން އަރައިގަތުމަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.

"ޓޫރިޒަމް ހުއްޓުމަކަށް ދިއުމުން މިއަހަރަށް ލިބޭނެ ކަމަށް ބަޖެޓުކުރި އާމްދަނީގެ 50 ޕަސެންޓަށްވުރެ ބޮޑު ބައެއް މަދުވާނެ... ދައުލަތުގެ އާމްދަނީ މިހާ ބޮޑަށް ދަށްވުމުގެ ނަތީޖާއަކީ އުމްރާނީ ތަރައްގީގެ ގިނަ ހަރަކާތްތައް މުޅިން ހުއްޓުމަކާ ހަމައަށް ދިއުން. އެހެން ނަމަވެސް، މި ހާލަތުން އަރައިގަތުމަށް ތައްޔާރުވާން ތަރައްގީގެ މަޝްރޫއުތައް އަލުން ފަށަން ޖެހޭ. އެހެންކަމުން މި މަޝްރޫއު [ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު]އަކީ އިގްތިސާދު އިޔާދަކުރަން ނެގޭ މުހިންމު ފިޔަވަޅެއް." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަން ޖެހޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ ރާއްޖޭގެ އާމްދަނީ ދަށްވެ ދަރަނި އިތުރުވަމުން ދިއުމާއެކު ދަރަނި މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތައް ފިޔަވައި އުމްރާނީ ތަރައްގީގެ އެހެން މަޝްރޫއުތައް ފަސްކޮށްލުމަށް ވޯލްޑް ބޭންްކުން ލަފާދީފައިވަނިކޮށެވެ.

ދެކުނު އޭޝިއާގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ބުނީ ހަރަދުކުޑަ ކުރަން ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ހަރަދުތައް ދެކޮޅު ނުޖެއްސޭ ކަމަށެވެ.

އެގޮތުން މި ޕެންޑެމިކްއާ ގުޅިގެން އާމްދަނީއަށް އައި ހީނަރުކަމާ އެއްވަރަށް، ހަރަދުތައް ކުޑަކުރެވިފައި ނުވާ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

"ކުރާ ހަރަދުތަކުން ބޮޑު އަދަދެއް، މިސާލަކަށް ކޮންމެހެން މިވަގުތަށް ބޭނުން ނުވާ އުމްރާނީ ބޮޑެތި މަޝްރޫއުތައް ފަސްކޮށްލުމަކީ އިތުރުވަމުންދާ ދަރަންޏާއި މާލީ ގޮންޖެހުންތައް މެނޭޖުކުރެވޭނެ ކަމެއް." ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.