12 Oct 2020, 19:31
ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި އެމެރިކާގެ ޕެންސެލްވޭނިއާ ސްޓޭޓްގައި މެއިލް ބޭޭނުންކޮށްގެން ވޯޓުލުން ލިމިޓްކުރަން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމަޕް ކުރެއްވި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.
ޕެންސެލްވޭނިއާ ސްޓޭޓްގައި މެއިލުން ވޯޓު ލެވޭވަރު ލިމިޓްކުރަން ޓްރަމްޕް ހުށަހެޅުއްވި އެކަން އެގޮތަށް ނުކުރެވޭނެކަމަށް އެމެރިކާގެ ފެޑެރަލް ކޯޓުން ވަނީ ނިންމައިފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބް ބާއްވަން ތާވަލްކޮށްފައި އޮތީ އަންނަ މަހު ތިން ވަަނަ ދުވަހަށެވެ. މެއިލް ބޭނުންކޮށްގެން ވޯޓުލާން ނިންމީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުންނެވެ.
ޓްރަމްޕް ބޭނުންވެލެއްވީ މެއިލުން ވޯޓުލާއިރު ވޯޓުލާ މީހުންގެ ފައިލްގައި އޮންނަ ސޮޔާއި ވޯޓު ކަރުދާހުގައި އޮންނަ ސޮއި ދިމާނުވެއްޖެ ނަމަ އެ ވޯޓު ބާތިލްވާ ގޮތަށް ހަދާށެވެ.
އެމެރިކާގެ ސިވިލް ލިބަޓީ ޔޫނިއަންއިން ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. އެ ޔޫނިއަން ބުނީ ޓްރަމަޕް މަސައްކަތް ކުރެއްވީ ޕެންސެލްވޭނިއާ ސްޓޭޓްގެ ރައްޔިތުން ވޯޓުލުމުގައި ދަތިތަކެއް ކުރިމަތިކުރަން ކަމަށެވެެ.
އެ މައްސަލާގައި އިސްތިއުނާފްކުރުމުގެ ފުރުސަތު ޓްރަމްޕަށް އަދިވެސް އެބައޮތެވެެ.
ޕެންސެލްވޭނިއާ ސްޓޭޓަކީ ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީއާއި އިދިކޮޅު ޑިމޮކްރެޓުންނާ ވަރަށް ވާދަވެރި ސްޓޭޓެކެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެ ސްޓޭޓް ޓްރަމްޕް ކާމިޔާބުކުރެއްވީ 44،000 ވޯޓުންނެވެ.-- އަލްޖަޒީރާ--