ރަށްފުށުގައި ދިރިއުޅޭ އިންޑިއާގެ މީހުންނަށް ލޯން ނަގަން ފަސޭހަކޮށްދޭން ޕްރޮޕަޓީ ކާޑެއް ތައާރަފްކޮށްފި އެވެ.

އިންޑިއާގެ ތިން ބައިކުޅަ ދެބައި މީހުން ދިރިއުޅެނީ ރަށްފުށުގެ ސަރަަަހައްދުގަ އެވެ. އެ ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ ބިންތަކުގެ މިލްކުވެރިކަމާ ބެހޭ ލިޔެކިޔުންތަކެއް ގިނަ ފަހަރު ނުހުރެ އެވެ. އެހެންކަމުން ބިންތަކުގެ މިލްކުވެރިކަމާމެދު ބޮޑެތި އަރާރުންތަކެއް ހިނގަ އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކާޑު ތައާރަފްކޮއްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

"ރަށްފުށުގަ ގެތައް ހުންނަ މީހުންނަށް ވެސް ބޭންކްތަކުން ލޯނު ނަގަން ވަރަށް އުނދަގޫ. އެހެންނަމަވެސް އޯނާޝިޕް ސުކީމްގެ ދަށުން ތައާރަފްކުރި މި ކާޑާއެކު ބޭންކުތަކުން ފަސޭހައިން ލޯން ނެގޭނެ،" މޯދީ ވިދާޅުވި އެވެ.

އެ ސުކީމްގެ ދަށުން ދޫކުރަނީ ޑިޖިޓަލް ކާޑުތަކެކެވެ. މިމަހު އިންޑިއާގެ ރަށްފުށުގެ 750 ސަރަހައްދަކުން 100،000 މީހުންނަށް އެ ކާޑު ދޫކުރަން ވަނީ ނިންމައިފަ އެވެ.

މޯދީ ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ އިންޑިއާގެ ރަށްފުށުގެ 620،000 ސަރަހައްދެއްގެ މީހުން އުޅޭ ސަރަހައްދުތަކުގެ ޗާޓް އެކުލަވާލުމަށް ނިންމައިފައިވާ ކަމަށެވެ.-- ރޮއިޓާސް