12 Oct 2020, 13:02
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށް ރަށުގެ ފަޅު ތެރޭގައި ގެ ހަދައިގެން ދިރިއުޅުމުގެ ވިސްނުން ފެންމަތި ކުރެއްވި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމް އެކަމުގެ ކޮންސެޕްޓެއް ތައްޔާރު ކޮށްފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ގުޅޭ ގޮތުން މިނިސްޓަރު އަސްލަމް ދެކިވަޑައިގަންނަވާ ގޮތް މަޖިލީހާ ހިއްސާ ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މޫދު ކޮޓެރި ހަދައިގެން ދިރިއުޅޭ ވާހަކަ ދެއްކުމުން ވަރަށް ގިނަ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވި ކަމަށާއި ނަމަވެސް އެ ފާޑުކިޔުންތައް އޭނާ ނަގާފައިވަނީ "ޕޮޒިޓިވް" ކޮށް ކަމަށެވެ.
"ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި އެއް ރަށެއްގައި އަޅުގަނޑު މިހާރު އެބައޮތް މޮޑެލެއް ހަދާފައި. އެގޮތަށް ބިން ބޭނުން ކުރެވޭނެ. އަޅުގަނޑަށް އަދި އޭތި މުޅިއަކުން ފުރިހަމަ ނުވި ނަމަވެސް ކޮންސެޕްޓެއް އަޅުގަނޑުމެނަށް އެބައޮތް ހެދިފައި. ދެން އަޅުގަނޑުމެން މީތި ކޮންޕެއާ ކުރަން މި ޖެހެނީ ބިން ހިއްކާފައި އެ ލިބޭ ޑްރައި ލޭންޑްގެ ވެލިއުއާ އަޅުގަނޑުމެން މިދެންނެވި ގޮތަށް އޯވަ ވޯޓާގައި ލިވް ކުރަން އެ ދާ އަގާއި އަކަފޫޓަކަށް ދާ އަގާއި މި ދޭތީގެ ހުރި އަގުގެ ތަފާތުން އަޅުގަނޑުމެން މިނާފައި ކޮންގޮތަކަށްތޯ އަޅުގަނޑުމެން ދާންވީ އޭގެ މިކްސްޗާއެއް އޮންނަންވީ ކިހިނެއްތޯ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ވިސްނުމަކީ، ބިމުގެ މައްސަލަ ކުރިމަތިވެފައިވާ ރާއްޖެއަށް އޮތް "ޓޯޓަލް ސޮލިއުޝަނެއް" ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން "ޓޯޓަލް ސޮލިއުޝަން" އަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިދެންނެވި ގޮތަށް އަޅުގަނޑުމެން އުޅެންފެށިއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ ކޮންމެވެސް މިންވަރެއްގެ ލޭންޑް ރިކްލެއިމް ކުރަން އޮންނަ ޑިމާންޑް ކޮންމެވެސް ވަރަކަށް ކުޑަވެގެން ދާނެއޭ މީގެ ސަބަބުން. އެ ކޮންމެވެސް ބަޔަކު ޕްރިފާ ކުރާނެ އެތަނުގައި ދިރިއުޅެން. އެތަނުގައި ކަމެއް ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ރަށްތަކުގެ މޫދުގައި ކޮޓެރި ހަދައިގެން ދިރިއުޅޭ ވާހަކަ އެންމެ ފުރަތަމަ މިނިސްޓަރު އަސްލަމް ދެއްކެވީ ވެސް މަޖިލީހުގަ އެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބިމުގެ ގޮތުގެ ބަލަން ޖެހޭނީ ފެނުން އެއް މީޓަރު މައްޗަށް އޮންނަ ބައި އެކަނި ނޫން ކަމަށާއި ފެނުން އެއް މީޓަރު އަޑިއަށް އޮންނަ ބަޔަކީވެސް ބިން ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.
އެގޮތުން ފަޅު މަތީގައި ގެ އަޅައިގެން ދިރިއުޅުމުގެ ވިސްނުމަކީ ގެންގުޅެން ޖެހޭ ވިސްނުމެއް ކަމަށެވެ. އަދި ފަޅުމަތީގައި ގެ އަޅައިގެން ދިރިއުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފެންނަ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.