ލަންކާއިން އިއްޔެވެސް 124 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެގައުމުން ބުނެފި އެވެ.

ލަންކާގައި ކޮވިޑް ނުފެންނަތާ ގިނަ ދުވަސްތަކަކަށް ފަހު ކޮވިޑް އަލުން ފެނުނީ މިމަހުގެ ހަަތަރު ވަނަ ދުވަހު އެގައުމުގެ މިނިވަންގޮޑާގެ ގާމަންޓް ފެކްޓްރީއެއްގައި މަަސައްކަތްކުރާ މީހެއްގެ ގައިންނެވެ.

އެ ފެކްޓްރީން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1307 އަށް އަރައިފަ އެެވެ. އެގޮތުން އިއްޔެވެސް ވަނީ އެ ފެކްޓްރީން ދެ މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެ އިތުރުން އެ ފެކްޓްރީގައި މަސައްކަތް ކުރާ މީހުންނާ ގާތް ގުޅުމެއް އޮންނަ 102 މީހަކުވެސް އިއްޔެ ވަނީ ޕޮޒިޓިވްވެފަ އެެވެ.

ލަންކާގެ ޔުނިވާސިޓީއެއް ކަަމަށްވާ ކެލާނިޔާ ޔުނިވާސިޓީއެއްގެ ދަރިވަރެއްވެސް އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ދަރިވަރުގެ ބައްޕައަކީ ގާމަންޓް ފެކްޓްރީގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ.

އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން ޑޮކްޓަރުންވެސް ހިމެނެ އެވެ.

ލަންކާއިން އެންމެ ގިނަ މީހުން މިފަހުން ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެދުވަހު ކޮވިޑަށް 739 މީހުން ޕޮޒިޓިވްވި އެވެ.

ލަންކާގައި330،000 އަށް ވުރެ ގިނަ ކޮވިޑް ޓެސްޓް ހަދާފައިވާއިރު 4752 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ މަރުވެފަ އެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރާ ވައްނިއަރައްޗީ ވިދާޅުވީ ކޮވިޑް ފެތުރިގެން އުޅޭ ސަރަަހައްދުތަކުގައި ގައިދުރުނުވެ އަދި މާސްކު ނާޅާ އުޅޭ ފަރާތްތައް 10،000 ރުޕީސް އިން ޖޫރިމަނާކޮށް އަދި ހަ މަސްދުވަހުގެ ޖަލަށް ލުމަށް ނިންމާފައިވާކަމަށެވެ. އަދި އެކަމާ ގުޅޭ އުސޫލުތައް ދެ ދުވަހެއްގެ ތެރޭ ގެޒެޓްކުރާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.-- ޑެއިލީ މިރާ، ނިއުސްފަސްޓް