12 Oct 2020, 11:25
ހުޅުމާލޭ ފަޅުގައި އޮތް ކަންނެލި ދޯންޏަކުން 100 ކިލޯއަށް ވުރެ ގިނަ ޑުރަގް ފުލުހުން މިއަދު އަތުލައިގެންފި އެވެ.
އެ ދޯނި ކައިރީ ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ދޯނިން ފެނުނު ޑުރަގުގެ ސީދާ އަދަދެއް އަދި ނޭނގެ އެވެ. ނަމަވެސް 100 ކިލޯއަށް ވުރެ ގިނަ ޑުރަގް އެ ދޯނިން ފެނިފައިވާކަން ވަނީ "ސަން"އަށް ޔަގީންވެފަ އެވެ. އެ ދޯނިން ބައެއް މީހުން ހައްޔަރުކޮށް ފުލުހުން މިހާރު އަންނަނީ އެ ދޯނި ބަލައި ފާސްކުރަަމުންނެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ހެރޮއިން އަދި މެތް ހިމެނޭ ގޮތުން 100 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ ޑުރަގް ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން އަތުލައިގަނެފައިވާ ކަމަށެވެ.
މި މަސް ތެރޭ ފުލުހުން އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި އެ ސިޓީގައި ހަރަކާތްތެރިވާ ޑުރަގުގެ ބޮޑު ނެޓްވޯކެއް އަތުލައިގަނެ އެ މީހުން ރާއްޖެ އެތެރެ ކުރި 100 އެއްހާ ކިލޯގެ ޑުރަގު ވަނީ އަތުލައިގެންފަ އެވެ. އެ ނެޓްވޯކުގެ އިސް މީހުން ތިބީ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގަ އެވެ.