ވޮޝިންޓަން (އޮކްޓޯބަރު 12) : އެމެރިކާގެ ރިޔާސީ އިންތިޚާބަށް އެންމެ ތިން ހަފްތާއަށް ވެފައިވަނިކޮށް ނެގި އާންމުން ޚިޔާލު ހޯދުމުގެ ވޯޓުންވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ބަލިވާނެކަން ހާމަވުމާއެކު ބޮޑު ބައްޔަކުން ޓްރަމްޕް ބަލިވާނެކަމަށް ބެލެވިއްޖެ އެވެ.

ވޯޓުލާމީހުންގެ ތެރެއިން 45 ޕަސެންޓް މީހުންގެ ތާއީދު ވެސް ޓްރަމްޕަށް ނެތް

އެންމެ ފަހުގެ މި ވޯޓުގެ ނަތީޖާ ދައްކާގޮތުން ޓްރަމްޕަށް އެމެރިކާގެ ވޯޓުލާމީހުންގެ ތެރެއިން 45 ޕަސެންޓް މީހުންގެ ވޯޓު ވެސް ނުލިބޭނެ އެވެ. މަޝްހޫރު ނޫސް "ވޮޝިންޓަން ޕޯސްޓް" އާއި ޓީވީ ނެޓްވާކް 'އޭބީސީ ނިއުޒް" އިން ކުރި އާންމުންގެ ޚިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާ ދެއްކިގޮތުން ޓްރަމްޕަށް ތާއީދުކުރަނީ ވޯޓުލާ މީހުންގެ ތެރެއިން 43 އިންސައްތަ މީހުންނެވެ. މިއާ ޚިލާފަށް އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަންއަށް ވޯޓުލާ މީހުންގެ ތެރެއިން 55 ޕަސެންޓް މީހުން ތާއީދުކުރެ އެވެ.

މިއީ ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި އެމެރިކާގެ ރައީސަކާއި އިދިކޮޅު ކެންޑިޑޭޓަކާ ދެމެދު ވޯޓުގެ ތަފާތު މިހާބޮޑުކަން ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވި ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ގާތްގަނޑަކަށް 12 ޕޮއިންޓްގެ ތަފާތެކެވެ. އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންނަށް ތާއީދު އޮތް މިންވަރު ބެލުމަށް ނަގާ ނަގާ ޚިޔާލު ހޯދުމުގެ ސާވޭތަކުގައި އާންމުކޮށް އުޅެނީ 5 ޕޮއިންޓާއި 10 ޕޮއިންޓްގެ ތަފާތެވެ.

ކޮވިޑަށް ފަހުވެސް ޓްރަމްޕްގެ މަގްބޫލުކަން އިތުރަށް ދަށަށް

"ވޮޝިންޓަން ޕޯސްޓް" އާއި 'އޭބީސީ ނިއުޒް" އިން އާންމުން ޚިޔާލު ހޯދުމުގެ ވޯޓު ނަގާފައި މިވަނީ ޓްރަމްޕަށް ކޮވިޑް-19 ޖެހި އޭނާ ހޮސްޕިޓަލުން ވެސް ނުކުމެވަޑައިގެންނެވި ފަހުންނެވެ. ޓްރަމްޕަށް ކޮވިޑް ޖެހުމުގެ ކުރިން ނެގި ނެގި އާންމުން ޚިޔާލު ހޯދުމުގެ ވޯޓުތަކަށް ބަލާއިރު ޓްރަމްޕާއި ބައިޑެންގެ ތަފާތު އުޅެނީ 10 ޕޮއިންޓްގަ އެވެ. ނަމަވެސް ޓްރަމްޕަށް ކޮވިޑް ޖެހުމުގެ ފަހުން ނެގި ވޯޓުގައި ޓްރަމްޕްގެ މަގުބޫލުކަން އިތުރަށް ދަށަށްގޮސް ދެބޭފުޅުންގެ ތަފާތުވަނީ 12 ޕޮއިންޓަށް ބޮޑުވެފަ އެވެ. މިއީ ކޮވިޑަށް ފަހު ޓްރަމްޕަށް އާންމުންގެ ހަމްދަރުދީ ލިބުމުގެ ބަދަލުގައި އޭނާއާމެދު ހިތްހަމަނުޖެހުން އިތުރުވެގެން ގޮސްފައިވާކަން ހާމަވާ ކަމެކެވެ.

ބައިޑަން އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ބެލެވެނީ 60 އިންސައްތައިގެ ވޯޓުން

ރިޕޯޓްތަކާއި ތަހުލީލުތަކަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހުންފެށިގެން ކުރިޔަށްގެންދާ ޚިޔާލު ހޯދުމުގެ ވޯޓުތަކާއި ސާވޭތަކާއި، ކޮމްޕިއުޓަރު ސްފްޓްވެއާތަކުގެ ޕްރޮޖެކްޝަންސްތަކުގެ ނަތީޖާއަށް ބަލާއިރު ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިޚާބު ގާތްގަނޑަކަށް 60 އިންސައްތައިގެ ވޯޓުން ކާމިޔާބު ކުރައްވާނެ ކަމަށް ވަނީ ބެލެވިފައެވެ. މިހެން ވެއްޖެނަމަ މިކަން ރެކޯޑަކަށްވެގެންދާނެެއެވެ.

މިފަހަރުގެ އިންތިޚާބުގައި އިދިކޮޅުން ކޮންގްރެސްގެ އިންތިޚާބުވެސް ކާމިޔާބު ކުރާނެ

މީގެ އިތުރުން މިފަހަރުގެ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން އެމެރިކާގެ ކޮންގްރެސްގެ އިންތިޚާބުވެސް ކާމިޔާބު ކުރާނެ އެވެ. ކޮންގްރެސްގެ ދެގެ ކަމުގައިވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެނެޓްގެ އަޣުލަބިއްޔަތު ވެސް ހޯދާނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީންކަން ވަނީ ވަރަށް ބޮޑަށް ޔަގީންވެފައެވެ. ރިޔާސީ އިންތިޚާބާއި ކޮންގްރެސްގެ އިންތިޚާބު އޮންނަނީ އެކުއެކީގަ އެވެ.

އޮގަސްޓް މަހުން ފެށިގެން އެމެރިކާގައި ނަގާފައިވާ އެއްވެސް ޚިޔާލު ހޯދުމުގެ އެއްވެސް ވޯޓެއްގައި ޓްރަމްޕަށް ކުރި ލިބިފައެއް ނުވެއެވެ. އެހުރިހާ ވޯޓުތަކަށް ބަލާއިރު ވެސް ކުރީގައި އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އެވެ. އަދި އެންމެ ވާދަވެރިކަން ބޮޑު 'ބެޓްލްގްރައުންޑް' ގެ ނަމުން އިންތިޚާބުތަކުގައި ނަންދެވިފައިވާ ސްޓޭޓުތަކުގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ސާވޭތަކާއި ވޯޓުތަކުގައި ވެސް ބައިޑަން އުޅުއްވަނީ ކުރީގަ އެވެ.

އެމެރިކާއަކީ އާންމު ޚިޔާލު ހޯދުމުގެ ސާވޭތަކާއި ވޯޓުތަކާއި އިންތިޚާބުތަކުގެ ނަތީޖާތަށް ވަރަށް ބޮޑަށް ދިމާވާ ގައުމެކެވެ. (ނޫސްއެޖެންސީތައް)