18 Jan 2012, 08:44
ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލުމާ ގުޅިގެން ތެލެސީމިއާ ކުދިންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ. އެމީހުންގެ ޝަކުވާއަކީ އެފަދަ ކުދިންގެ ބޭސްފަރުވާއަށް ބޮޑެތި ހަރަދުތައް ހިނގުމާއި އަތޮޅުތަކުގެ ތެރޭގައި ތެލެސީމިއާ ކުދިންނަށް ދެމުން އަންނަ ހިދުމަތްތައް ދަށްވަމުން ދިއުމެވެ. ފަރުވާ ހޯދަން ކޮންމެ ފަހަރަކު މާލެ އަންނަން ޖެހުމެވެ. ނަމަވެސް ތެލަސީމިއާ ކުދިންގެ ބެލެނިވެރިންނަށް މިހާރު ވަނީ ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ލިބިފަ އެވެ. އެއީ ތެލެސީމިއާ ކުދިންނަށް ކުރަންޖެހޭ ހުރިހާ ފަރުވާއެއް އާސަންދައިގެ ދަށުން ހިލޭ ވުމެވެ. ސަރުކާރުން ނިންމާފައިވަނީ އާސަންދަ އިންޝުއަރެންސްގެ ތެރޭގައި، ތެލަސީމިއާ ކުދިންގެ ހުރިހާ ފަރުވާއެއް ކަވަރުކޮށް ބޭނުންވާ ހުރިހާ ފަރުވާއެއް ހިލޭ ދޭށެވެ.
"މިހާރުން ފެށިގެން ތެލަސީމިއާ ކުދިންގެ މައިންބަފައިންނަށް ވެސް، އެކުދިންނަށް ބޭނުންވާ ވަކި ހާއްސަ ފަރުވާ ހޯދުމުގައި ކުރަންޖެހޭ އެއްވެސް ހަަރަދެއް ކުރާކަށް ނުޖެހޭނެ. އެކަމަށް ހިނގާ ހަަރަދުތައް ވެސް އިންޝުއަރެންސްގެ އުސޫލުގެ ތެރެއިން ހަމަޖެހިގެންދާނެ،" މިދިޔަ ހަފްތާގެ ރޭޑިއޯ ހިތާބުގައި ރައީސް ވިދާޅުވިއެވެ. "އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ތެލަސީމިއާ ކުދިންގެ ބެލެނިވެރިން، އެކަމުގައި އެއްވެސް ހިތްހަމަނުޖެހުމެއް ނުވަތަ ހާސްކަމެއް އޮތުމުގެ މާނައެއް ނެތް. އިރާދަކުރެއްވިއްޔާ، އެކުދިންގެ ހުރިހާ ކަމެއްވެސް ސަރުކާރުން ދާނީ ބަލަހައްޓަމުން،"
"އެއީ ލިބުނު ވަރަށް ބޮޑު ލުޔެއް، ސަރުކާރުން އެގޮތަށް ނިންމެވުމުން އަޅުގަނޑު ވެސް އަދި އަޅުގަނޑުފަދަ އެހެން ބެލެނިވެރިންނަށް ވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ،" ތެލަސީމިއާ ކުއްޖެއްގެ ބައްޕަ ބުންޏެވެ. އޭނާ ބުނީ ސަރުކާރުގެ ނިންމުމާއެކު ތެލަސީމިޔާ ކުދިންގެ ބެލިނިވެރިންގެ ނުތަނަވަސް ކަމުން ވަރަށް ބޮޑު ބައެއް ފިލައިގެން ގޮސްފައިވާ ކަމަށެވެ.
"ލެއަށްޓަކައި ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ. އެހެންނަމަވެސް އާސައިންދައިން އެ ހުރިހާ ހަރަދެއް ކަވަރު ކޮށްދޭ ގޮތަށް ނިންމުމުން އެއީ ނުތަނަވަސް ކަމުގެ ބޮޑުބައެއް ކެނޑިގެން ދިއުން،" އެނާ ބުންޏެވެ.
ލޭއަޅާ ކުދިންނަށް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ. އެގޮތުން ލޭ އަޅާ ކޮންމެ ފަހަރަކު ފިލްޓަރެއް ހޯދަން ޖެހެ އެވެ. އޭގެ އަގު 300ރ. އަށް ވުރެ ބޮޑުއިރު މަހަކު އެތައް ފަހަރަކު ލޭއަޅަން ޖެހޭ ކުދިން ވެސް އުޅެ އެވެ. ތެލަސީމިއާގެ ކަންކަމުގައި އުޅޭ ބައެއް ބޭފުޅުން ވިދާޅުވަނީ ތެލަސީމިއާ ކުދިންނަށް ހިލޭ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެފަދަ އާއިލާތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވިޔަސް އޭގެ ސަބަބުން ތެލަސީމިއާމެދު ހޭލުންތެރިވުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓާލައިފިނަމަ އެއްވެސް ހިތްހަމަ ޖެހުމެއް ނެތް ކަމަށެވެ. ސަބަބަކީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ތެލެސީމިއާގެ ކަންތައް އެންމެ ބޮޑު ގައުމަށް ވުމެވެ.
ރާއްޖޭގެ އާބާދީގެ 18.1 ޕަސެންޓަކީ ތެލެސީމިއާ ކެރިއަރުންނެވެ. މާނައަކީ ރާއްޖޭގައި އުފަންވާ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ ކެރިއަރެކެވެ. އަދި ވިހާ ކޮންމެ 120 ކުއްޖަކުން އެއްކުއްޖަކީ ތެލެސީމިއާ ކުއްޖަކެވެ. ކުރާ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެންޏަކީ ދެ ކެރިއަަރުންގެ ދެމެދުގައި ކުރެވޭ ކައިވެންޏެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހު ތެރޭގައި ރާއްޖޭގައި އުފަންވެފައިވާ ތެލެސީމިއާ ކުދިންގެ އަދަދު ވަނީ އިތުރު ވެފަ އެވެ. އެގޮތުން 2010 ވަނަ އަހަރު 22 ކުދިން ތެލެސީމިއާ ކުދިންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާއިރު އެ އަދަދު މިދިޔަ އަހަރު 31 ކުދިންނަށް އިތުރުވި އެވެ. އަދި 2010 ވަނަ އަހަރު ފަސް ކުދިން ތެލެސީމިއާގައި މަރުވި އިރު މިދިޔަ އަހަރު ހަތަރު ކުދިން މަރުވި އެވެ. ތެލަސީމިއާގެ 700 އަށްވުރެ ގިނަ ކުދިން އެ ސެންޓަރުގައި ރަޖިސްޓަރީކޮށްފައިވާ އިރު މިހާރުވެސް 560 ކުދިން ހިދުމަތް ހޯދަމުންދަ އެވެ.
"އާސަންދައިން ތެލަސީމިއާ ކުދިންނަށް ހިލޭ ފަރުވާ ލިބުނު ކަމުގައި ވިޔަސް އިތުރުވަމުން އަންނަ ތެލެސީމިއާ ބައްޔަކަށް ލުޔެއް ނެތް. އާސަންދައާއެކު އެކަމަށް ފަރުވާ ކުޑަކޮށްފިނަމަ އެއީ ވަރަށް ބޮޑު ގޯހަކަށްވާނެ،" އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލްގައި މަސައްކަތްކުރެއްވެވި ފިއުނާޒް ވަހީދު ވިދާޅުވީ ރާއްޖެއަށް މިހާރު ދިމާވެފައި އޮތް ހާލަތުން، ފަރުވާ ވެސް މުހިއްމު ކަމަށާއި ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތް ވެސް އެހާ މުހިންމު ކަމަށެވެ.
"މިހާރު ބައެއް ކުދިން [ކައިވެނީގެ] 'ހެދުން ފަހަންވީމަ' އެބަ ޓެސްޓް ކޮށްލާ. އޭރު މިއޮންނަނީ ދުރު ނުވެވޭވަރު ވެފަ. އެގޮތުން ކޮންމެ އަހަރަކަށް އެވްރެޖްކޮށް 31 ކުދިން އެބަ އިތުރުވޭ. ހަމަ އެގޮތަށް މައިންބަފައިންނަށް ބޭނުންވާ މައުލޫމާތު ނުލިބިގެން ބައެއް ފަހަރު 'އެޗްބީ' ލެވެލް އިން ދަށަށް ގޮސް ދަގަނޑުގެ ބައި މައްޗަށް ގޮސް ކުރާނެ ކަމެއް ނޭންގިގެން ކުދިން މަރުވާތަންވެސް އެބަ އާދޭ. އެއީ ވަރަށް ބޮޑު މައްސަލައެއް." ތެލެސީމިއާ ކުދިންނަށް އެހީތެރިވުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ފިއުނާޒް ވިދާޅުވި އެވެ. އެހެން ކަމުން އާސަންދައިން ތެލަސީމިޔާ ކުދިންގެ އާއިލާތަކަށް ލިބުނު ހިތްހަމަ ޖެހުމާއެކު ތެލަސީމިއާ އަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތް އިތުރު ކުރަން ޖެހެ އެވެ.