18 Jan 2012, 08:33
ކާބުލް (ޖަނަވަރީ 17) : ނިއުކްލިޔަރ މައްސާލާގައި އީރާނަށް ފިއްތުންތައް ކުރިމަތިކުރުމުގައި ޗައިނާގެ އެއްބާރުލުން ފުރިހަމައަށް ނުލިބޭ ކަމަށްބުނެ އެމެރިކާއިން ޗައިނާއަށް ފާޑުކިޔައިފިއެވެ.
ބެއިޖިންގައި ހުންނަ އެމެރިކާގެ ސަފީރު ގެރީ ލޮކް ވިދާޅުވިގޮތުގައި އީރާނުގެ ތެޔޮ އިންޕޯޓްކުރުން މަނާކުރުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތް ޗައިނާ ޤަބޫލެއް ނުކުރެއެވެ. އދ. ން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފިޔަވައި އެހެން ފިޔަވަޅުތަކެއް ޤަބޫލުނުކުރާނެކަން ޗައިނާގެ ޢަމަލުތަކުންދަނީ ފެންނަމުންދާއިރު އީރާނުގެތެޔޮ އިންޕޯޓްކުރުން މަނާކުރުމަށް އެކަހެރިގޮތެއްގައި އެމެރިކާކުރާ މަސައްކަތުގައި ޗައިނާގެ އެއްބާރުލުން ނުލިބޭނަމަ މިފިޔަވަޅުތައް ކާމިޔާބުވުމުގެ ފުރްސަތު ކުޑަވާނެ ކަމަށާއި މިއީ އެމެރިކާ ކަންބޮޑުވާ ކަމެއް ކަމަށް ލޮކް ވިދާޅުވިއެވެ.
ޗައިނާގެ ޚާރިޖިއްޔާއިން މިދިޔަ ހަފްތާގައި ބުނެފައިވަނީ އީރާނުގެ ނިއުކްލިޔަރ މައްސަލައާއި އެޤައުމުގެ ތެލުގެ އިންޑަސްޓްރީ އާއި ގުޅުވުމަކީ ޗައިނާ ޤަބޫލުކުރާނެ ކަމެއްނޫން ކަމުގައެވެ. ތެލަށް ޗައިނާ ބޭނުންވާ މިންވަރަކީ އެއްވެސް ޤައުމަކަށް އޮޅިގެންވާނެ ކަމެއްނޫން ކަމަށްވެސް ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ވިދާޅުވިއެވެ.
އީރާނުގެ ތެޔޮ އިންޕޯޓްކުރުން މަނާކުރުމަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެކަމުގެ އިޝާރާތްތަކެއް ދީފައިވަނީ ހަމައެކަނި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުންނެވެ. ނަމަވެސް މިކަމާބެހޭ އެންމެފަހުގެ ނިންމުން އެއިއްތިޙާދުން އަދި ނިންމާފައެއް ނުވެއެވެ.
އީރާނުގެ ތެޔޮ އިންޕޯޓްކުރުން މަނާކުރުމަށް އެކަހެރިގޮތެއްގައި އެމެރިކާ ކުރަމުންގެންދާ މަސައްކަތްތަކުގައި އެހީތެރިވުމަށް ދުނިޔޭގެ އެކިޤައުމުތަކަށް އެމެރިކާ ފިއްތުންތައް ކުރިމަތިކުރަމުން ގެންދާއިރު ޖަޕާނުންވެސް ބުނަނީ އީރާނުން ތެޔޮގަންނަމިންވަރު މަދުކުރެވުނުނަމަވެސް ތެޔޮގަތުން އެއްކޮށް ހުއްޓާނުލެވޭނެ ކަމުގައެވެ.
އެމެރިކާގެ ނުފޫޒު ހިނގާ ޤައުމެއް ކަމަށްވާ ދެކުނު ކޮރެޔާއިންވެސް އެމެރިކާގެ އެދުމާއެއްގޮތަށް ޢަމަލުކުރުމަށް އަދިދަނީ ފަސްޖެހެމުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ