ގައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަސްމީ ޖަލްސާ މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ. އޭގެ އިތުރުން އެ ޖަލްސާގައި ކުރިން ދެމުން އަންނަ ގައުމީ އިނާމު ދިނުން ވެސް ވަނީ ފަސްކޮށްފަަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ކޮވިޑް-19ގެ ހާލަތާ ގުޅިގެން މި އަހަރުގެ ޖަލްސާ ނުބާއްވަވާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް19ގެ ހާލަތު އާންމު ހާލަތަށް އައުމުން ގައުމީ އިނާމު ދެއްވުމަށް ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ޖަލްސާ ބައްވާނެ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބިއަލްއައްވަލު މަހުގެ އެއް ވަނަ ދުވަހެވެ. މި އަހަރުގެ ގައުމީ ދުވަސް ބައްދަލު ވަނީ މި މަހުގެ 18 ވަނަ ދުވަހަށެވެ.