މޮސްކޯ (ޖަނަވަރީ 17) : ރަޝިޔާއަށް އެއްވެސް ބާވަތެއްގެ އިންޤިލާބެއް ގެންނަން މަސައްކަތް ނުކުރުމަށް ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިން އިންޒާރު ކުރައްވައިފިއެވެ.

ކުރިޔަށްއޮތް ރަޝިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެޤައުމުގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓީން، އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ގަދަބާރުން ޑިމޮކްރަސީ އެކްސްޕޯޓްކޮށްގެން ބައެއްޤައުމުތައް ހަލާކުކުރުމަށް ބޭރުގެ ފަރާތްތަކަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިކަން މިހާތަނަށް ތަޖްރިބާކޮށްފައިވާ ޤައުމުތައްވަނީ ހަލާކުގެ ތެރޭގައި ކަމަށާއި ރަޝިޔާގައި އެކަން އެގޮތަށް ކުރުމުގެ ފުރްސަތު ދެވިގެންނުވާނެ ކަމަށް ޕޫޓިން ލިޔުއްވާފައިވެއެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ރަޝިޔާގައިހުރި މައްސަލަތައް ޙައްލުކުރަންޖެހޭނީ ވާހަކަދައްކައިގެން ސުލްޙަވެރިގޮތުގައެވެ. އެނޫންގޮތަކަށް ޑިމޮކްރަސީގެ ނުވަތަ އިންސާނީ ޙައްޤުތަކުގެ ނަމުގައި ސިޔާސީ ގަޑުބަޑުތައް ރަޝިޔާގައި އުފެއްދުމުގެ ފުރްސަތު ރަޝިޔާގެ ރައްޔިތުން ނުދޭނެކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިންގެ އަމިއްލަ ބްލޮގްގައި މިމޭރުމުން އޭނާގެ ލިޔުއްވާފައިވަނީ ރަޝިޔާގެ ރިޔާސީ އިންތިޚާބު ގާތްވަމުން އަންނައިރު އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅުފަރާތްތަކާ ދެމެދު ބަހުގެ ޙަމަލާތައް ބަދަލުކުރަމުން ގެންދާ ވަގުތެއްގައެވެ.

ޕޫޓިން ޚުދުމުޚްތާރު ގޮތެއްގައި ނުފޫޒު ބޭނުންކުރައްވާ ކަމަށް އިދިކޮޅުފަރާތްތަކުން ތުހުމަތުކުރާއިރު ބޭރުގެ ބައެއްޤައުމުތަކާ ބައިވެރިވެގެން ރަޝިޔާގެ އެތެރޭގައި ގަޑުބަޑު އުފައްދައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރާ ކަމަށް ޕޫޓިންގެ ސަޕޯޓަރުން އިދިކޮޅުފަރާތްތަކުގެ މައްޗަށް ކުރަމުންގެންދެއެވެ. ޕޫޓިން ގެންދަވަނީ ރިޔާސީ އިންތިޚާބަށް ވަރަށް ފުޅާދާއިރާއެއްގައި ކޭންޕޭން ކުރައްވަމުންނެވެ. -- އަލްޖަޒީރާ