އިއްޔެ ހަވީރުއްސުރެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯ އަކީ މަތީގައިވާ ފޮޓޯ އެވެ. މި ފޮޓީ ދައުރުވުމާއެކު އެތަށް ޝުއޫރުތަކެއް ވެސް އެއާއެކު ދައުރުވި އެވެ. އެ ފޮޓޯއިން ފެންނަ މަންޒަރާ މެދު އެތަށް ބަޔަކު ސުވާލު އުފެއްދި އެވެ. އެއްބަޔަކު އެއީ ފޭކް ފޮޓޯއެއް ކަމަށް ބުނި އިރު، އަނެއް ބަޔަކު އެއީ ހަގީގަތެއް ކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔުން އަމާޒުކުރި އެވެ.

ކޮންމެއަކަސް ދައުރުވަމުންދާ ފޮޓޯއާ އެކު ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ފޮޓޯ އިން ފެންނަނީ، އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ އުޅަނދަކަށް ދިވެހި ސިފައިން ނޫން ބަޔަކު އަރާތިބި ތަނެވެ. އެ އުޅަނދުގައި ޖުމްލަ 13 މީހަކު ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ބިދޭސީންނެވެ. ފޮޓޯއަށް ހިޔާލު ފާޅު ކުރި ބައެއް މީހުން ބުނާ ގޮތުން އެއީ އަވައްޓެރި އިންޑިއާ ނިސްބަތްވާ ބައެކެވެ. އެކަމަކު އޭގެ ހަގީގަތެއް ނޭނގެ އެވެ.

ފެންނަ ފެނުމަށް ކޯސްޓްގާޑު އޮތީ މާލެ އާއި ހުޅުމާލޭއާ ދޭތެރެ އެވެ. ފަހަތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައި ހުރި "ހިޔާ" ފްލެޓްތައްވެސް ފެނެ އެވެ. ބައެއް މީހުން ތުހުމަތު ކުރި ގޮތުގައި އެމީހުން ކޯސްޓްގާޑުގައި ހަވީރު ފިންޏަށް ބުރު ޖަހަނީ އެވެ. ފޮޓޯއަށް ބަލާ މީހަކަށް ވެސް ފެންނަނީ އެކަހަލަ ގޮތަކަށެވެ. އަނެއް ބަޔަކު ތުހުމަތު ކުރި ގޮތުގައި އެމީހުން ދިޔައީ އެ ސަރަހައްދުން ފެންނަ ކޯމަސްތައް ބަލައިލާށެވެ. އެ ފޮޓޯއިން އެ މީހުން ސެލްފީ ނަގާ މަންޒަރާއި ފޯނުގެ ދިއްކޮށްގެން މޫދުގެ ފޮޓޯ ނަގާ މަންޒަރުވެސް ފެނެ އެވެ.

އެކަމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުުވުމަކީ، ގައުމީ ދިފާއީ ބާރުގެ އުޅަނދެއް ބޭރު ބަޔަކު ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. މީގެ އިތުރުން ކޯސްޓްގާޑުގެ އުޅަނދުތަކަކީ ޕިކްނިކްކޮށް މަޖާނަގާ އުޅަނދުތަކަކަށް ބަދަލުވެފައިވާ ކަމަށް ބުނެ ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

ކޮންމެކަސް މި ފޮޓޯގެ ހަގީގަތެއް އަދިސްވެސް ސާފެއް ނޫނެވެ. އިއްޔެ ހަވީރުއްސުރެ އެމްއެންޑީއެފް މީޑިއާ ގުރޫޕުގައި ނޫސްވެރިން ތަކުރާރުކޮށް އެ ފޮޓޯއާ ގުޅޭ ގޮތުން ސުވާލު ކުރި އެވެ. ނަމަވެސް އަދިވެސް އެ ސުވާލުތަކަށް ދިވެހި ސިފައިންގެ ޖަވާބެއް ނެތެވެ.

އޭގެ އިތުރުން އެއީ ސައްހަ ފޮޓޯއެއްތޯ "ސަން"އިން އެމްއެންޑީއެފްގެ މީޑިއާގައި ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އަދިއަދަށް ދާންދެން ވެސް ޖަވާބެއް ނުލިބެ އެވެ.

އެ ފޮޓޯގެ ހަގީގަތް ސާފުނުވުމުން އެތައް ވާހަކަތަކެއް އެތައް ގޮތަކަށް މިހާރު ދެއްކެން ފަށައިފި އެވެ. އެތައް ތުހުމަތުތަކެއް ދިވެހި ސިފައިންނަށް ވެސް ރައްދުވާން ފަށައިފި އެވެ.

މިފަދަ ފޮޓޯއެއް ދައުރުވެފައި މިވަނީ، އިންޑިއާއިން ރާއްޖެ އަޅުވެތި ކުރަނީ ކަމަށް ބުނެ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އިދިކޮޅު ފަރާތަތަކުން "އިންޑިއާ އައުޓް" ނަމުގައި ކެމްޕެއިނެއްވެސް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އެއާ އެކު، މި ފޮޓޯއިން އެ ކެމްޕޭނަށް އިތުރު ބާރެއް ލިބިއްޖެ އެވެ. އެކަމަކު، ގައުމީ ދިފާއީ ބާރުން މިކަމުގައި ދިފާއުގައި އެއްޗެއް ނުބުނެ އެވެ.