18 Jan 2012, 08:11
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާއި ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހައްޔަރު ކުރުމުގެ އިތުރުން، ކޯޓުތަކުން އަންގާ އެންގުމަށް ސަރުކާރުން އަމަލު ނުކުރާ މައްސަލަތަކާ ގުޅިގެން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަން ޑީއާރުޕީން ނިންމައިފި އެވެ.
ޑީއާރްޕީން ބުނީ އެ ޕާޓީގެ ކައުންސިލް މެމްބަރުންނާ، އެޑްވައިޒަރުންނާއެކު ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އިއްޔެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި ސަރުކާރުގެ އަމަލުތައް ހުރިގޮތުން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ތަސްމީން މަޝްވަރާ ކުރެއްވެވި ކަމަށެވެ.
ޑީއާރްޕީގެ ބައްދަލުވުމަށްފަހު ލތަސްމީން ވިދާޅުވީ، ރާއްޖެއިން މިހާރު ފެންނަމުން ދަނީ، ދުލާއި ގަލަމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅައި އެކަން ހުއްޓުވަން މަސައްކަތްކުރާ ތަން ކަމަށެވެ.
"ގާނޫނުގެ ވެރިކަން ހިންގުމަށް ވެސް ސަރުކާރުން ގޮންޖަހަމުންދާތަން މިހާރު މިފެންނަނީ، ސިފައިން ނުކުމެ އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ އޭގެ ހެއްކެއް. ސިފައިން ވަންނަން ނުޖެހޭ ކަމެއްގެ ތެރެއަށް އެ މީހުން ވަދެ، ކޯޓުތަކުގެ އަމުރުތަކަށް ތަބާވަމުން ނުދާތަން މިހާރު ފެންނަނީ، އެހެންވުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ފަރާތްތައް ގުޅިގެން ކުރާނެ ކަންތައްތައް މިއަދު ކަޑައަޅާނަން" ތަސްމީން ވިދާޅުވި އެވެ.