ސްޕެނިޝް ލީގުން ހޮވި ސެޕްޓެމްބަރު މަހުގެ "ޕްލޭޔާ އޮފް ދަ މަންތު" ގެ އެވޯޑް ބާސެލޯނާއަށް ކުޅެމުން އަންނަ 17 އަހަރުގެ ފޯވާޑް އަންސޫ ފާޓީ ހޯދައިފި އެވެ.

އެކަން އިއުލާން ކުރަމުން ސްޕެނިޝް ލީގުގެ މެއިން ސްޕޮންސަރު ސެޓަންޑާއިން ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނީ ކުރީ މަހުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވާ ކުޅުންތެރިޔަކީ ފާޓީ ކަމަށެވެ. މި މަގާމު މުޅިން އަލަށް ފާޓީ ހޯދި އިރު ބާސެލޯނާގެ ލީގު ސީޒަން އެހެން ކުލަބުތަކެއް ވުރެން ލަހުން ފެށުމާ ގުޅިގެން އޭނާ ކުޅުނީ ވެސް އެންމެ މެޗެކެވެ.

އެހެން ނަމަވެސް ލީގުގެ ފުރަތަމަ މެޗުގައި ފާޓީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ އޭނަގެ ފެންވަރު ހާމަކޮށްފަ އެވެ. ވިލަރެއާލާ ދެކޮޅަށް ކުޅުނު އެ މެޗު ފަށައިގެން 20 މިނަޓުގެ ތެރޭގައި ފާޓީ ދެ ގޯލު ޖެހި އިރު، އޭނާ ވަނީ އޭގެ ފަހުން ކުޅުނު ސެލްޓާ ވީގޯ މެޗުގައި ވެސް މުހިއްމު އަވޭ ގޯލެއް ބާސެލޯނާއަށް ކާމިޔާބު ކޮށްދީފަ އެވެ.

ފުޓުބޯޅައިގެ ޒުވާން އެންމެ އަލިގަދަ ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި މިވަގުތު ނަން ކިޔާލެވޭ ފާޓީ މިހާތަނަށް ބާސެލޯނާގައްޔާއި، ސްޕެއިނުގައި ވެސް ގިނަ ރެކޯޑްތަކެއް ވަނީ ހަދައިފަ އެވެ. އެގޮތުން ސްޕެނިޝް ލީގާއި، ޗެމްޕިއަންސް ލީގުގައި އެންމެ ޒުވާން އުމުރުގައި ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޭނާ ހޯދި އިރު، ސްޕެއިނުގެ ތާރީހުގައި ވެސް އެންމެ ޒުވާން އުމުރުގައި ގޯލު ޖެހުމުގެ ރެކޯޑްވެސް އޭނާ ވަނީ މިފަހުން ހަދައިފަ އެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަންގެ ފުރިހަމަ އިތުބާރު ހޯދާފައިވާ ފާޓީގެ ތަރި ދުވަހަކަށް ވުރެން ދުވަހަކަށް ފެތުރެމުން އަންނަ އިރު، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ވެސް ވަނީ ފާޓީގެ ކުޅުމަށް ތައުރީފްކޮށްފަ އެވެ. އަދި މެސީ ނެތްތަން ފޫބެއްދޭނެ ފެންވަރު ފާޓީގެ ގައިގައި އެބަހުރި ކަމަށް ބުނެ މެސީގެ ޒުވާން ދުވަސްވަރުގެ ކުޅުމާއި ފާޓީގެ ކުޅުމާ ގިނަބަޔަކު އަންނަނީ އަޅާ ކިޔަމުންނެވެ.