މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޒަލެންޑް ބަލިކޮށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން ސްޕެއިނުން އެއްވެސް މެޗަކުން ބަލިނުވެ 15 މެޗު ހަމަކޮށްފި އެވެ.

ސްޕެއިނުގައި ކުޅުނު އެ މެޗުން އަވޭ ޓީމުގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-1 ގެ ހަނި ނަތީޖާއަކުންނެވެ. މި މޮޅާ އެކު ސްޕެއިނުން ގުރޫޕް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލި އިރު މިހާތަނަށް ކުޅުނު ތިން މެޗުން އެ ޓީމު ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް ޖަރުމަނު މިހާތަނަށް މި މުބާރާތުގެ ފުރަތަމަ މޮޅު ރޭ ހޯދި އިރު އެ ޓީމަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ޔުކްރެއިނަށް ތިން ޕޮއިންޓް ލިބިފައިވާ އިރު ފުލުގައި އޮތް ސްވިޒަލެންޑަށް ލިބުނީ އެއް ޕޮއިންޓެވެ.

ރަޝިޔާގައި 2018 ވަނަ އޮތް ވޯލްޑްކަޕުގެ ނާކާމީޔާބީއަށްފަހު ސްކޮޑަށް ބޮޑުބަދަލުތަކެއް ގެނެސް ކޯޗު ކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ޓީމަށް ހަމަޖެއްސި ހިސާބުން ސްޕެއިނުން އަންނަނީ ރަނގަޅު ފޯމެއްގައި ކުޅެމުންނެވެ. އެގޮތުން އެކި މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު 15 މެޗުން ވެސް ބަލިނުވެ އެ ޓީމުގެ "އަންބީޓަން ރަން" އިތުރު ކޮށްފައިވާ އިރު، މިފަހުން ކުޅުނު މެޗުތަކުގައި އެ ޓީމަށް ވަނީ ގޯލު ޖެހުމުގެ ދަތިތަކެއް ކުރިމަތިވެފަ އެވެ.

އެގޮތުން އެންމެ ފަހުން ކުޅުނު އެކުވެރި ކަމުގެ މެޗުގައި ޕޯޗުގަލް އަތުން 0-0 އިން އެއްވަރުވި އިރު، ރޭގެ މެޗުގައި ވެސް އެ ޓީމު މޮޅުވީ އެންމެ ގޯލެއްގެ ތަފާތުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފައްދާފައިވަނީ ސްވިޒަލެންޑުންނެވެ. އެގޮތުން މެޗުގެ ކުރީކޮޅު ސްވިޒަލެންޑުގެ ޑިފެންޑަރު ލޮރިސް ބެނިޓޯއަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ސްޕެއިނުގެ ގޯލްކީޕަރު ޑެވިޑް ޑެ ހެއާ ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން މެޗުގެ 14 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލީޑު ނަގާފައެވެ. ސްވިޒަލެންޑުގެ ގޯލްކީޕަރު ޔަން ސޮމާ ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ ފޯވާޑް މިކޭލް އޮޔަރްޒަބަލެވެ. މި ގޯލަށްފަހު ވެސް ސްޕެއިނަަށް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނު އިރު، އިދިކޮޅު ސްވިޒަލޭންޑަށް ސްޕެއިނުގެ ކީޕަރު ޑޭވިޑް ޑެހެއާ ޓެސްޓް ކޮށްލަން ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ބުނީ މެޗުން ލިބުނީ ހައްގު މޮޅެއް ކަމަށެވެ. އަދި މެޗުގައި އިދިކޮޅު ޓީމަށް އެންމެ ހަމަލާއެއް އުފެއްދުނު އިރު ސްޕެއިނުން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ގޮތާ ބަލައި ހިތްހަމަ ޖެހޭ ކަމަށާއި، އެހެން ނަމަވެސް މެޗުގައި ގިނަ ގޯލުތަކެއް ޖެހުމުގެ ފުރުސަތު ސްޕެއިނަށް އޮތް ކަމަށެވެ.