ވޮޝިންޓަން (އޮކްޓޯބަރު 11): ކޮވިޑް-19 އަކީ ޗައިނާގެ ވައިރަހެއްކަމަށާ އެވައިރަސް ބަލިކޮށްލާނެކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާ ގެންގުޅުއްވާ ގޮތްދޫނުކުރުމުގެ ގޮތްތަށް އަނެއްކާވެސް ކުރިޔަށް ނެރުއްވައި ވާހަކަ ދައްކަވައިފިއެވެ.

ވައިޓް ހައުސްގެ ގޯތިތެރެއަށް އެއްވެފައިވާ ޓްރަމްޕްގެ ބައެއް ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވައިޓް ހައުސްގެ ބެލްކަނީއެއްގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ފާޑުފާޑުގެ ވައިރަސްތަށް ބޭނުން ކޮށްގެން ޗައިނާއަށް އެމެރިކާ ބަލިނުކުރެވޭނެ ކަމަށާ ކޮވިޑް-19 ގެ ނަމުން ނަންދީފައިވާ ޗައިނާގެ ބިރުވެރި ވައިރަސް، ބަލިކޮށް އޭގެ މައްޗަށް އެމެރިކާ ކާމިޔާބު ހޯދާނެކަމުގައެވެ. ވައިޓް ހައުސްގެ ގޯތިތެރެއަށް އެއްވެފައިވާ ޓްރަމްޕްގެ ސަޕޯޓަރުންތިބީ ގައިދުރުކަމެއް ނެތިއެވެ.

މިއީ ކޮވިޑް-19 ގެ ޝިކާރައަކަށް ޓްރަމްޕްވެ ހޮސްޕިޓަލުގައި އެނދުމަތި ކުރުމަށްފަހު އެނބުރި ވައިޓް ހައުސް އަށް ވަޑައިގެންނެވިފަހުން އާންމުންގެ ބަޔަކާ މުޚާތަބު ކުރައްވައި ފުރަތަމަ ފަހަރަށް ވާހަކަދެއްކެވި ފަހަރެވެ. ކޮވިޑް އާ ގުޅިގެން ކަރަންޓީނުގައި ހުންނަންޖެހޭ 14 ދުވަސް ފުރިހަމަ ނުކޮށް ރިޔާސީ ކޭންޕޭން މަސައްކަތަށް ނުކުންނަވާނެ ކަމަށާ އަދި ރިޔާސި ބަހުސްގައިވެސް ބައިވެރިވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެންމެފަހުން ރިޔާސީ ބަހުސް ކެންސަލްކޮށްފި

ނަމަވެސް ޓްރަމްޕްގެ ހަށިގަނޑުގައި ކޮވިޑް ނެތްކަން މެޑިކަލް ޓެސްޓްތަކުން ކަށަވަރުނުވަނީސް އޭނާއާއެކު ބަހުސުގައި ބައިވެރިނުވާނެކަމަށް އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން ވިދާޅުވުމުން ޓްރަމްޕް އެއްޗެއް ވިދާޅެއްނުވެއެވެ. އަދި ރިޔާސީ ދެވަނަ ބަހުސްގެ ތާރީޚު އަންނަނީ ކޮވިޑް އާ ގުޅިގެން ޓްރަމްޕް ކަރަންޓީނުގައި ހުންނަންޖެހޭ މުއްދަތާ ވަރަށް ކައިރީގައި ކަމަށްވާތީ ރިޔާސީ ބަހުސް ބާއްވާ ކޮމިޝަނުންވަނީ އެބަހުސް ކެންސަލްކޮށްފައެވެ. ދެން އޮންނާނީ މިމަހުގެ 22 ގައި ބާއްވާ 3 ވަނަ ބަހުސްކަމަށްވެސް ރިޔާސީ ބަހުސްއާބެހޭ ކޮމިޝަނުންވަނީ ބުނެފައެވެ.

ކޮވިޑްއާ ގުޅިގެން ޓްރަމްޕް އަމަލުތަށް އެކިފަހަރު އެކިގޮތަށް

ޓްރަމްޕަކީ އެމެރިކާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައާއި އޭގެ ނުރައްކަލުން އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ ކަންކަން ކުރެއްވުމުގައި މުޅިން ނާކާމިޔާބުވެފައިވާ ބޭފުޅެކެވެ. އެމެރިކާގެ ގާތްގަނޑަކަށް 8 މިލިޔަން މީހުންނަށް ކޮވިޑްޖެހި އޭގެތެރެއިން ދެލައްކަ ފަނަރަ ހާސް މީހުން އެބަލީގައި މަރުވެފައިވާއިރު ޓްރަމްޕްވަނީ ކޮވިޑްއާ ގުޅިގެން ޖޯކު އެތަށް ކަމެއް ކުރައްވާފައެވެ.

ޓްރަމްޕް، ކޮވިޑަށް އިންކާރުކުރުން

މީގެތެރެއިން ފުރަތަމަ ކަމަކީ ކޮވިޑް-19 އަށް އިންކާރުކުރުމާއި އެއީ ބަލިމަޑުކަމެއް ކަމަށް އެއްބަސްވުމަށް ޓްރަމްޕް ފަސްޖެހުމެވެ. ކޮވިޑް ޗައިނާގައި ފެތުރެން ފެށުމުން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެއީ އެމެރިކާއަށް އަންނާނެ ބައްޔެއް ނޫންކަމާއި އެއީ ޗައިނާގެ ބައްޔެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވައި ޓްރަމްޕްވަނީ ކޮވިޑް ގެ މައްސަލަ ފަރުވާ ކުޑަކޮށްލައްވާފައެވެ.

ކޮވިޑް ފަސޭހައިން ކޮންޓްރޯލް ކޮށްލާނެކަމަށް ޓްރަމްޕް ވިދާޅުވުުން

ދެވަނަ ކަމަކީ ކޮވިޑް-19 އެމެރިކާގައި ފެތުރެން ފެށުމުން އެ ބަލި އެމެރިކާގައި ވަރަށް އަވަހަށް ކޮންޓްރޯލް ކުރާނެ ކަމަށާ އޭގެ ނުރައްކާ ބޮޑުނޫން ކަމާއި އެއީ އާދައިގެ ރޯގާއެއްކަމާއި އިގްތިސާދަށްވެސް މާބޮޑުއަސަރެއް ނުކުރާނެކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި ވާހަކަތަކެވެ. ނަމަވެސް ކޮވިޑް އާ ގުޅިގެން އެމެރިކާގައި ޑަޒަން ޑަޒަނަށް މީހުން މަރުވެ ސްކޫލްތަކާއި ކާރުޚާނާތަށް ބަންދުކުރަންޖެހި ކުންފުނިތަކުގެ މަސައްކަތްތަށް ހުއްޓި ވޯލްސްޓްރީޓްގެ ހިއްސާގެ ބާޒާރު ރޫޅި ހިއްސާގެ އަގުތަށް 35 އިންސައްތައަށް ދަށަށް ދިޔުމުން 13 މާޗްގައި ޓްރަމްޕް މުޅި އެމެރިކާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވިއެވެ.

ކޮވިޑާ ދެކޮޅަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ޓްރަމްޕް ޚިލާފުވުން

ތިންވަނަ ކަމަކީ ކޮވިޑާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޓްރަމްޕް އެންގެވިތާ ދެހަފްތާފަހުން ޚުދު އެފިޔަވަޅުތަކާ ދެކޮޅަށް ޚުދު އޭނާ ވާހަކަ ދައްކަވައި ކޮވިޑުން އެމެރިކާ ރައްޔިތުން ސަލާމަތް ކުރުމަށް އެ ފިޔަވަޅުތައް ދެމެހެއްޓުމުގެ ބަދަލުގައި އެފިޔަވަޅުތަކަށް ތަބާވުމަށް ޚުދު ޓްރަމްޕް ފަސްޖެހިވަޑައިގަތުމެވެ. އަދި ކޮވިޑަށްވުރެ އެމެރިކާގެ ކުންފުނިތަކަށް އިސްކަން ދެއްވަން ފެއްޓެވުމެވެ. ނަތީޖާއަކީ މުޅި އެމެރިކާ ކޮވިޑްގެ ޝިކާރައަކަށް ވެގެންދިޔުމެވެ.

ޗައިނާގެ ބޮލުގައި ޒިންމާ އެޅުވުމަށްފަހު މަސްއޫލިއްޔަތުން ރެކިވަޑައިގަތުން

ހަތަރުވަނަ ކަމަކީ އެމެރިކާ ކޮވިޑްގެ ޝިކާރައަކަށް ވެގެންދިޔުމުން އެކަމުން ބޯދަމައި ގަތުމަށްޓަކައި ޗައިނާގެ ބޮލުގައި އެކަމުގެ ޒިންމާ އެޅުއްވުމެވެ. މިގޮތުން އެެމެރިކާގައި ކޮވިޑް ފެތުރީ ޗައިނާކަމަށާ އެކަމުގެ ބަދަލު ޗައިނާއަތުން ހޯދާނެކަމަށް ވިދާޅުވެ ޓްރަމްޕާއި ޓްރަމްޕްގެ ވަޒީރުން ތަކުރާރުކޮށް ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ނަމަވެސް ޗައިނާއާ ދެކޮޅަށް ކުރެވުނު ކަމެއް އަދި ހޯދުނު ބަދަލެއްވެސް ނެތެވެ.

ކޮވިޑް އާބެހޭގޮތުން ޑޮކްޓަރުން ދައްކަންޖެހޭ ވާހަކަތަށް ޓްރަމްޕް ދެއްކެވުން

ފަސްވަނަ ކަމަކީ ކޮވިޑް އާބެހޭގޮތުން ޑޮކްޓަރުން ދައްކަންޖެހޭ ވާހަކަތަށް ޓްރަމްޕް އަމިއްލައަށް ދައްކަވައި ކޮވިޑް ޖެހޭ މީހުންނަށް ދޭންޖެހޭ ބޭސްތަކާއި ފަރުވާތަކުގެ ވާހަކަތައް ޓްރަމްޕް ދައްކަވަން ފެއްޓެވުމެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން ވެކްސިން އެމެރިކާގެ ގިނަބަޔަކަށް ދޭނެކަމަށް ވިދާޅުވުން

ހަވަނަ ކަމަކީ އެމެރިކާގެ ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚު ކަމަށްވާ 3 ނޮވެމްބަރުގެ ކުރިން ކޮވިޑް-19 ގެ ވެކްސިން އެއް ބާޒާރަށް ނެރެ އެމެރިކާގެ ގިނަ ބަޔަކަށް ވެކްސިން ދޭނެކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަ ދެއްކެވުމެވެ. ނަމަވެސް ކޮވިޑް-19 ގެ ވެކްސިން ބާޒާރަށް ނެރެވޭނެ ތާރީޚެއް އެމެރިކާގައި ވެކްސިން އުފައްދާ ކުންފުނިތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެންމެފަހުން ޓްރަމްޕް ، ކޮވިޑް ގެ ޝިކާރައަކަށްވުން

ހަތްވަނަ ކަމަކީ ޚުދު ޓްރަމްޕަށް ކޮވިޑް-19 ޖެހި އޭގެ ޝިކާރައަކަށްވެ ވޭންތަށް އަމިއްލައަށް ތަހައްމަލް ކުރަންޖެހުމެވެ. ޓްރަމްޕް މިހާރު އުޅުއްވަނީ މިމަރުހަލާގައެވެ.

(ނޫސްއެޖެންސީތައް)