އެހެން މީހަކަމަށް އެމީހެއްގެ ނަފްސާނީ ބަލީގެ ވާހަކަ އެނގި ފަޅާއަރާފާނެތީ ޑޮކްޓަރަކަށް ދައްކަން އެ ބަލި ތަހައްމަލް ކުރާ މީހުން ޖެހިލުންވާކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެެވެ.

އިއްޔެ ފާހަގަކުރި ދުނިޔޭގެ މެންޓަލް ހެލްތު ދުވަހާ ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ ކުރިއާ އަޅާބަލާއިރު ނަފްސާނީ ކަންތައްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުވެފައި ވީނަމަވެސް އަދިވެސް ނަފްސާނީ ދުޅަހެޔޮކަމުގެ ބައްޔެއް ހުރިކަން ބުނަން ކެރެނީ މަދު ބަޔަކަށްކަމަށެވެ.

އެކަމަށް ފަރުވާކުރަން ކެެރެނީވެސް މަދުބަޔަކަށް ކަމަށާއި އެހެން ދިމާވަނީ ނަފްސާނީ މައްސަލަަތަކާމެދު މުޅި މުޖުތަމައު ދެކޭގޮތް އަދިވެސް ބަދަލުނުވާތީކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ސްޓިގްމަޓައިޒޭޝަންގެ ސަބަބުން ދިމާވާ އެންމެބޮޑުކަމަކީ އެމީހުންގެ އިންސާނީ ހައްގުތައް ކަށަވަރުނުކޮށްދުން. އެންމެ އެދެވޭ ގޮތުގައި ތައުލީމް އުނގެނުމާއި ވަޒީފާ އަދާކުރުމާއި ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމާއި އަދި ހާއްސަކޮށް ބޭސްފަރުވާ ލިބިގަތުމަށް ދަތިވުން. ފަރުވާ ހޯދުން ލަސްވުން. ބައެއް މީހުން ތިބޭ އެހެންމީހަަކަށް އެނގިދާނެތީ ރާއްޖޭގެ މީހަކަށް ނުދައްކަން. ނޫނީ ކްލިނިނަކަށް ނުދާން މީހުންވެސް ތިބޭ. އެހެންކަމުން މިކަހަލަ ކަންކަމުން އަރައިގަނެވޭނީ ސްޓިގްމަޓައިޒޭޝަންއަށް ގޮތެއް ހޯދިގެން. " ފަޒްނާ ވިދާޅުވިއެވެ.

ނަފްސާނީ ބައްޔަކީ މީހުން ތަހައްމަލުކުރާ ބައްޔެއްކަން ގަބޫލްުކުރަން ޖެހޭ ކަމަށާއި އަދި އެ ބައްޔަކީ "މިވެނި، އެވެނިކަމެއް" ވެގެން ވާ ބައްޔެކޭ މީހުންނާ ދިމާލަަށް ގޮވުމަކީ ރަނގަޅުކަމެއް ނޫންކަން ފަޒްނާ ވަނީ ހަނދާންކޮށްދެއްވައިފަ އެވެ.

"އޭގެ ބަދަލުގައި އަވަސް ޝިފާއަކަށް އެދޭ ވާހަކަ އާއި ތިމަންނަ އޭނާއާއެކު ވާކަން ބުނެވިދާނެ" ފަޒްނާ ވިދާޅުވި އެވެ.

ރޭގެ ވެބިނާގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ އަބްދުލް މާލިކް ވިދާޅުވީ މިހާރު ނަފްސާނީ މައްސަލަތަކަށް އޮތް ޑިމާންޑާ އެއްވަރަކަށް ފަރުވާގެ ކަންތައްތައް އަދިވެސް ނުގެންދެވޭ ކަމަށެވެ. އެކަމުގެ ސަބަބުތަކެއް އެބަހުރި ކަމަށާއި އެގޮތުން މިހާރު މެންޓަލް ހެލްތަށް ފަރުވާ ދޭ ނިޒާމް ގާއިމްވެފައި އޮންނަނީ މާލޭގައި ކަމަށާއި އެކަން އެގޮތަށް އޮވެގެން އެންމެ ފުރިހަމައަށް ފަރުވާގެ ކަންތައް ކުރިއަށް ނުގެންދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ނަފްސާނީ މައްސަލަތަކަށް ފަރުވާދެން ރާއްޖޭގައި ޓެކްނިކަލް ކެޕޭސިޓީ ވަރަށް މަދުކަމަށް މާލިކް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ތިބީވެސް 13 ސައިކޭޓްރިސްޓުންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މެންޓަލް ހެލްތު ސެންޓަރާއެއްކޮށް ރާއްޖޭގައި އިމްޕޭޝަންޓް ވޯޑެއް އެބަ ގާއިމްކުރަން އެބަ ޖެހޭ. އެއީ އައިޖީއެމްއެޗްގައި މިހާރުވެސް ވަރަށް ދަތިކޮށް ސައިކިއޭޓްރިސްޓް ޕޭޝަންޓެއް އެޑްމިޓްކޮށްގެން ދޭން ފަރުވާ ދޭން ޖެހޭ މަސައްކަތް ކުރަން މި ޖެހެނީ. ފެށޭ އަހަރު އެކަމަށް ވަރަށް ބޮޑަށް ސަަމާލުކަން ދީގެން މަސައްކަތް ކުރެވޭނެކަމުގެ ވަރަށް ކުރެވޭނެކަމުގެ އުއްމީދު އެބައޮތް" މާލިކް ވިދާޅުވި އެވެ.

މެންޓަލް ހެލްތު ސެންޓަރުގެ ސައިކޭޓްރިސްޓް ޑރ. ޝަނޫހާ މަންސޫރު ވިދާޅުވީ މިއަހަރު މިހާތަނަށް ނަފްސާނީ މައްސަަލަތަކާ ގުޅިގެން 11،478 މީހަކު ޑޮކްޓަރަށް ދައްކަން އެދުނު ކަމަށެވެ. އޭގެ ތެރެއިން 80 ޕަސެންޓް މީހުންނަށް ހިދުމަތް ދީފައިވާކަމަށް ޝަނޫހާ ވިދާޅުވި އެވެ.

މިދިޔަ އަހަރު 5596 ދީފައިވާ ކަަމަށާއި މިއަަހަރު އެއަދަދު އެހާ ބޮޑުތަނުން އިތުރުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެންކަމަށް ވެދާނެކަމަށް ބެލެވޭކަމަށް ޝަނޫހާ ވިދާޅުވި އެވެ.