18 Jan 2012, 07:54
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަހްމަދު މުއިއްޒު މަގާމުން ވަކިކުރަން ގޮވާލާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ. އެމްޑީޕީން ބުނަނީ ޕީޖީ މުއިއްޒުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އެމްޑީޕީގެ މައި ހަރުގޭގައި އެޕާޓީގެ ''ތިޔަހެނެއް ނުކިޔޭނެ'' ކެމްޕޭނުގެ ފަސް ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ރޭ ވިދާޅުވީ މުއިއްޒު މަގާމުން ވަކި ކުރެއްވުމަށް ޕެޓިޝަނެއް ހުޅަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެމަނިކުފާނު މަގާމުން ދުރު ކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގެ ތެރެއިން ކުރާނެ ކަމަށެވެ. އަދި ރޭގެ ޖަލްސާގައި ޕާޓީގެ ވަގުތީ ޗެއާޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ޕީޖީ މުއިއްޒު މަގާމުން ވަކި ކުރުމަށް ގޮވާލާ ޕެޓިޝަނުގައި ސޮއިކުރުން މިއަދު ހެނދުނުން ފެށިގެން ހަރުގޭގައި ކުރިޔަށް ގެންދާނެ ކަމަށެވެ.
ޕީޖީ މުއިއްޒާ ބެހޭ ގޮތުން އެމްޑީޕީން ގޮތެއް ނިންމީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ.
ރޭގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވީ ޕީޖީގެ މައްޗަށް އިތުބާރެއް ނެތް ކަމަށާއި އެމަނިކުފާނުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އަދި ވިދާޅުވި ޕީޖީ މައްސަލަތައް ހުރުމުން އެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށެވެ.
"ޖުޑިޝަރީ ތެރޭގައި ހުރި މައްސަލަތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނަން. އެ ހައްލުން ކުރަން ފެށި ދަނޑިވަޅުގައި އަޅުގަނޑުމެނަށް މި ދިމާވާ އެންމެ ބޮޑު މައްސަލައަކީ މި ގައުމުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ މައްސަލަ'' ޝިފާޒް ވިދާޅުވި އެވެ. "އަޅުގަނޑުގެ އިތުބާރު މަނިކުފާނާ [ޕްރޮސެކިއުޓާ ޖެނަރަލް] ދޭތެރޭ ގެއްލިއްޖެ. އަޅުގަނޑު މިފަށަނީ ދެ ދުވަސް ތެރޭގައި [މަނިކުފާނު] މަގާމުން ދުރުކުރުމަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް"
މަޖިލީހުގައި ޕެޓިޝަން ކޮމިޓީގެ ރައީސަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށްވާތީ، އެ ޕެޓިޝަން ބައްލަވައިދެއްވުމަށް ވެސް ޝިފާޒު އެދިވަޑައިގެންނެވި އެވެ.
ފުވައްމުލަކު މެދުދާއިރާގެ މެންބަރު ޝިފާގު މުފީދު ވިދާޅުވީ ގާނޫނީ ގޮތުން ޕީޖީ އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށާއި ސާރުކާރާމެދު ސާބިތު ނުހިފޭ ގޮތަށް ދައްކާފައިވާ ވާހަކަތާމެދު ދައުވާ ކުރައްވަން ޕީޖީ ހުށަނާޅުއްވާ ކަމަށެވެ.
"ކުށެއްގެ ތުހުމަތު މީހެއްގެ މައްޗަށް ކުރެވިއްޖެ ހިނދެއްގައި ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައިމެ އެ ޝަރީއަތް ހިންގުމަށް އަމުރު ކުރުމަކީ ޕްރޮސެކިއުޓާ ޖެނަރަލްގެ ވަޒީފާ ބަޔާނުގައި ހިމެނޭ ކަމެއް. އެކަން އެމަނިކުފާނު މިއަދާ ހަމައަށް ކޮށްފިތޯ. ނޫން ނުކުރޭ! ހަމަ އެއާކު ކުށެއްގެ ތުހުމަތުގައި މީހެއްގެ މައްޗަށް ކުރެވިގެން ޕްރޮސެކިއުޓާ ޖެނަރަލްއާ ހަމައަށް ގޮސްސި ހިނދެއްގައި ނުވަތަ ޕޯޑިއަމަކުންވިއަސް މީޑިޔާއަކުން ވިއަސް އެހެން ގޮތަކުންވިއަސް ދެއްކިއްޖެ ހާލަތެއްގައި ދިވެހިރާއްޖޭގެ ތަހްގީގީ އިދާރާތަކަށް އެ މައްސަލަތައް ތަހަގީގު ކުރުމަށް އެންގުމަކީ ޕްރޮސެކިއުޓާ ޖެނަރަލް ކުރަންޖެހޭ ކަމެއް. މިއަދާ ހަމައަށް ޕްރޮސެކިއުޓާ ޖެނަރަލް އެކަން ކުރިތޯ؟" ޝިފާގު ސުވާލު ކުރެއްވި އެވެ.
ޝިފާގު ވިދާޅުވީ ޕީޖީ މުއިއްޒަކީ ތަސައްރަފު ނުފުދޭ މީހެއް ކަމަށާއި ޕީޖީ ކުރައްވަންޖެހޭ ކަންތައް ތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަމަށް އިހްމާލުވެވަޑައިގެންފައިވާ ކަމަށެވެ. އެ މަގާމަށް ތަސައްރަފު ފުދޭ މީހަކު ލާންޖެހިފައިވާ ކަމަށާއި ގާނޫނާ ހިލާފުވެފައިވާތީ ޕީޖީ މުއިއްޒު ހައްޔަރުކުރުމަށް ވެސް ޝިފާގު ގޮވާލެއްވި އެވެ.
"އަޅުގަނޑު މިރޭ މި ގޮވާލަނީ ކޮންމެހެން ޕެޓިޝަނެއް މުހިންމެއް ނޫނޭ. އަޅުގަނޑު މިރޭ ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރަށާއި ދިވެހި ރާއްޖޭގެ ދުސްތޫރު ނަގަހައްޓާ ދަމަހައްޓާ ދައުލަތުގެ ސިޔާދަތު ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރައްވަންޖެހޭ ރައީސުލްޖުމްހޫރިއްޔާއަށް މި ދަންނަވަނީ އަޅުގަނޑުމެންގެ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ބޭފުޅާ މިއަދާ ހަމައަށް ގާނޫނު އަސާސީ އެބޭފުޅާއަށް ލާޒިމް ކުރާ ކަންތައް ތަކާއި ގަނޫނުން ލާޒިމްކުރާ ކަންތައްތަކަށް އެބޭފުޅާ ވަނީ އިހްމާލުވެފައޭ. ދެން އަޅުގަނޑުމެން އޭނާއަށް ބާލާކަށް ނުޖެހޭނެ އޭ. އެނާ ހައްޔަރުކުރާށޭ،" ޝިފާގު ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ