10 Oct 2020, 22:39
ކޮވިޑް-19 ކޮންޓްރޯލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ވޮލެންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ފަރާތްތަކުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރާ މަސައްކަތަށް އާންމުންގެ ފަރާތުންނާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި އަދި ކޮވިޑް-19 އަށް ޓެސްޓުކުރާއިރު ދެމުންދާ ހިދުމަތްތަކަކީ ވެސް ޕްރޮފެޝަނަލް މިންގަނޑުތަކުގައި ދެމުންދާ ހިދުމަތްތަކެއް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެގޮތުން އެކި ހާލަތްތަކުގައި އެ ފަރާތްތަކުން ގާތުން މައުލޫމާތު ސާފުކޮށް އޮޅުންފިލުވާއިރު ފޯރުކޮށްދޭ ހިދުމަތަކީވެސް ޕްރޮފެޝަނަލް މިންގަނޑުތަކުގެ ހިދުމަތްތައް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ ވޮލެންޓިއަރުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މި ހާލަތުގައި ފޯރުކޮށްދޭ ހިދުމަތީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދޭ ހިދުމަތްތަކެއް ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ އަދަކަށް ވޮލެންޓިއަރުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދަނީ މެދުކެނޑުމެއް ނެތި ކޮވިޑް ކޮންޓްރޯލުކޮށް އެ ބަލިން އާންމުން ރައްކާތެރިކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.