އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" އަލުން ސިނަމާތަކުގައި ދެއްކުމަށް ނިންމައިފި އެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. މި ފިލްމު ތިއޭޓާތަކުގައި ބެލުމަށް ގިނަ ބަޔަކު އަދިވެސް ބޭނުންވާތީ މި ފިލްމު އަލުން ސިނަމާތަކަށް ގެންނަން ނިންމީ އެވެ. ޕީއެމް ނަރެންދުރަ މޯދީ އަލުން ސިނަމާތަކުގައި ދައްކާނީ މި މަހު 15 ވަނަ ދުވަހު އެވެ. އެއާއެކު މި ފިލްމުވެގެންދާނީ އިންޑިއާ ސިނަމާތައް ހަ މަސް ދުވަސްފަހުން ހުޅުވާއިރު ސިނަމާގައި އަޅުވާ އެންމެ ފުރަތަމަ ފިލްމަށެވެ.

އޮމަންގް ކުމާރު ޑައިރެކްޓުކުރާ އެ ފިލްމުގައި ފެނިގެން ދާނީ މޯދީގެ ޒުވާން ދުވަސްވަރާއި، ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ލިބުނު ގޮތާއި، އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް މޯދީ ކުރި ދަތުރެވެ. ފިލްމުގައި ވިވެކްގެ އިތުރުން ދެން ފެނިގެން ދާނީ ދަރްޝަން ކުމާރު، ބޯމަން އިރާނީ، މަނޯޖް ޖޯޝީ، ޕްރަޝާންތު ނާރާޔަނަން، ޒަރީނާ ވައްހާބު އަދި ބަރްކާ ބިޝްތު ސެންގުޕްތާ އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ސަންދީޕް ސިންހް އެވެ.