ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން އާއި ބާހޫބަލީގެ އެކްޓަރު ޕްރަބާސް އާއެކު ފިލްމެއް ކުޅޭކަން އިއުލާންކުރުމާއެކު ސޯޝަލް މީޑިއާ ވަރަށް ބާރަށް ތެޅިގަތެވެ.

ވަރުގަދަ ދެ ތަރިން ފިލްމުގެ ލީޑު ރޯލުން ފެނިގެންދާކަން ހާމަވުމާއެކު މި ފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. ވަރުގަދަ ބިޔަ ޕްރޮޖެކްޓް ހާއްސަވާ އެހެން ސަބަބެއްވެސް މިހާރު މިއޮތީ އެނގިފައެވެ. އެއީ ދީޕިކާ އާއި ޕްރަބާސްގެ މި ފިލްމަށް ސުޕަސްޓާ އަމީތާބު ބައްޗަން ވެސް ގުޅުމެވެ. ތިން ވަރުގަދަ އެކްޓަރު މި ފިލްމު ކުޅެން އެއްބަސްވެފައިވާކަން މިހާރު ޔަގީންވެފައިވާއިރު އަމީތާބު ބުނީ މިފަދަ ބޮޑު ފިލްމަކުން ޖާގަ ލިބުމުން އުފާވާކަމަށާއި އެއީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށެވެ.

މިހާތަނަށް އެންމެ ބޮޑު އާމްދަނީ ހޯދި ބޮލީވުޑް ފިލްމު ބާހޫބަލޫގެ އެކްޓަރު ޕްރަބާސް އާއެކު ދީޕިކާ ފެނުމަކީ ދެތަރިންގެ ފޭނުންގެ ވަރަށް ބޮޑު އުންމީދެކެވެ. ހަމައެއާއެކު އެއީ ޕްރަބާސްގެ ވެސް އެންމެ ބޮޑު އުންމީދެވެ. ފިލްމަކީ ނަގް އަޝްވިން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

ތިން ވަނަ ބޮޑު ހަނގުރާމަ އަށް ބިނާކޮށް އުފައްދާ ސައިންސް ފިކްޝަން މި ފިލްމަށް ކިޔާ ނަން އަދި އިއުލާންނުކުރި ނަމަވެސް ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ފަހުކޮޅު ނުވަތަ 2022 ވަނަ އަހަރުގައެވެ.