ޤައުމަށް ދިމާވެފައިވާ ނާޒުކު ދަނޑިވަޅުގައި، ޤައުމުގެ މަޞްލަޙަތު ހަމަމަގަށް އަޅުވައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ސިފައިންކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެންބީސީ މެދުވެރިކޮށް ޑިފެންސް މިނސްޓަރު މިރޭ ދެއްވި ބަޔާނެއްގައި ވިދާޅުވީ ސިފައިންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ)ގެ ގެ ދަށުން، ޤައުމުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި އަމަންޢާންމު ޤާއިމްކުރުމުގައި ފުލުހުންނަށާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން ސިފައިންގެ އެހީތެރިކަމަށް އެދުމުން އެހީތެރިކަން ފޯރުރުކޮށްދެނެ ކަމަށާއި ފުލުހުން ސިފައިންގެ އެހީއަށް އެދިފައިވާ ކަމަށެވެ.

"މިގޮތުގެ މަތިން ސިފައިން ޢަމަލުކުރުމުގައި،ސިފައިންނަށް، ފުލުހުންނަށާއި ޤާނޫނު ތަންފީޒުކުރާ އެހެން ފަރާތްތަކަށް ލިބިދީފައިވާ ހުރިހާ ޤާނޫނީ ބާރެއް، ސިފައިންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިގެންވާތީވެ، ސިފައިން އެގޮތުގެ މަތިން ޢަމަލުކުރަމުންގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ދާޚިލީ ކަންތައްތައް ބެލެހެއްޓުމުގެ ޤާނޫނީ ބެލެނިވެރިކަން ލިބިފައިވާ ފުލުހުންގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތަކުގެ ތެރޭގައި އަމާންއޮމާން ވެއްޓެއް ޤާއިމްކޮށް ތަފާތު އެކި އެކި ކުށްތައްކުރާ ފަރާތްތައް ހިފާ ހައްޔަރު ކުރުމާއި އެ ފަރާތްތަކުގެ ތަޙްޤީޤުތައް ހިންގުމަކީ ފުލުހުންގެ އިޚްތިސޯސް ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. ނަމަވެސް ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ކްރިމިނަލް ކޯޓުން ދޭންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައި ފުލުހުންގެ މަސައްކަތައް ތަފާތު ހުރަސްއެޅުއްވުމުގެ ސަބަބުން ރާއްޖޭގެ ދާޚިލީ ހަމަޖެހުން ގެއްލި އަމާންވެއްޓެއް ޤާއިމްކުރުމަށް ފުލުހުން ނުކުޅެދިފައި ކަމަށެވެ. އަދި އޭގެ ސަބަބުން ފުލުހުންގެ ޤާނޫނުގެ 71 ވަނަ މާއްދާގެ (ށ) ގެދަށުން ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެހީތެރިވެ ދިނުމަށް އިއްޔެ ފުލުހުން ސިފައިންނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އިސް ގާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރީ ފުލުހުން އެދުމުން ކަމަށް ވެސް ވިދާޅުވި އެވެ.