10:00


ޕާޓީތަކުގެ ޖަލްސާތައް އާއްމުކޮށް ބާއްވަމުން އަންނަ އާޓިފިޝަލް ބީޗުގައި އިދިކޮޅު ޑީއާރްޕީގެ ޖަލްސާއެއް ބޭއްވުމަށްޓަކައި ތަކުރާރުކޮށް އެދުމުންވެސް މާލު މުނިސިޕަލިޓީން ހުއްދަ ދީފައިނުވާ ކަމަށް ޑީއާރްޕީން ބުނެފި އެވެ.


ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރ އަލީ ސޯލިހު ވިދާޅުވީ، މިދިޔަ މަހުގެ 29 ވީ އަންގާރަ ދުވަހު ކެބިނެޓު އެއްފަހަރާ އިސްތިއުފާދެއްވުމާ ގުޅިގެން، ގައުމުގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ޑީއާރްޕީންވެސް އެ ޕާޓީގެ ޝުއޫރު ފާޅުކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އާއްމު ގޮތެއްގައި ޕާޓީތަކުގެ ޖަލްސާ ބާއްވަމުން އަންނަ އާޓިފިޝަލް ބީޗްގައި އެ ޕާޓީގެ ބައްދަލުވުމެއް ބޭއްވުމަށް މާލޭ މުނިސިޕަލިޓީގައި އެދޭ ކޮންމެ ފަހަރަކުވެސް، އާޓިފިޝަލް ބީޗުގައި އިތުރު ހަރަކާތްތަކެއް އޮންނާތީ ހުއްދަ ދެވެން ނެތް ކަމަށް މުނިސިޕަލިޓީން ބުނާ ކަމަށް ސޯލިހު ވިދާޅުވި އެވެ. އެހެންނަމަވެސް، އެތަނުގައި އިތުރު އެހެން ހަރަކާތެއް ހިނގި މަންޒަރު ފެނިފައިނުވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.


ސޯލިހު އިތުރަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދާ އަދި މާދަމާއާ ހަމައަށްވެސް ޑީއާރްޕީގެ ޖަލްސާއެއް ބޭއްވުމަށް އާޓިފިޝަން ބީޗް ސަރަހައްދުވެސް، އަދި އެފަދަ އިތުރު ތަނެއްވެސް އެ ޕާޓީއަށް ނުލިބުނު ކަމަށެވެ.


މިކަމާ ގުޅޭ ގޮތުން މާލޭ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވީ، އެ އޮފީހުގައި ކަންތައް ހަމަޖެހިފައި އޮންނަ ގޮތަކީ ހުށަހެޅޭ ތަރުތީބުން ތަންތަން ދޫކުރުން ކަމަށެވެ. އަދި ޑީއާރްޕީން ޖަލްސާ ބޭއްވުމަށް އެދި މިހާތަނަށް އެދުނު ކޮންމެ ފަހަރަކުވެސް އޮންނާނީ އެކަންތައް ހަމަޖައްސާދީފައި ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. އެހެންކަމުން ތަކުރާރުކޮށް ތަނެއް ހޯދުމަށް ޑީއާރްޕީން އެދިފައިވާކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.