މޮސްކޯ (އޮކްޓޯބަރު 10): ނަގޯރްނޯ ކަރަބާޚް ގެ މައްސަލާގައި އަރުމީނިއާއާއި އަޒަރުބައިޖާން އިން ފެށި ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެއްޖެ އެވެ.

މިކަމަށް އެއްބަސްވެފައިވަނީ އަރުމީނިއާ އާއި އަޒަރުބައިޖާންގެ ޚާރިޖީވަޒީރުން ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ ދައުވަތަކަށް މޮސްކޯއަށް ވަޑައިގެން ރަޝިއާގެ ޚާރިޖީ ވަޒީރުގެ ހާޒިރުގައި ކުރެއްވި މަޝްވަރާތަކަށްފަހު ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައިވާ ގޮތުން ދެގައުމުގެ ޚާރިޖީ ވަޒީރުން ވަނީ ނަގޯރްނޯ ކަރަބާޚްގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ގެނައުމަށް ޓަކައި ޑިޕްލޮމެޓިކް މަޝްވަރާތަކެއް ފެށުމަށްވެސް އެއްބަސްވެފަ އެވެ. ހަމަލާތަށް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވަނީ މިއަދު މެންދުރު 12 އިން ފެށިގެންނެވެ.

ނަގޯރްނޯ ކަރަބާޚް އަކީ އަޒަރުބައިޖާންގެ ސަރަހައްދެކެވެ. ނަމަވެސް އެސަރަހައްދުގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައަކީ އަރުމީނިޔާ ދަރިކޮޅުގެ މީހުންނެވެ. ނަގޯރްނޯ ކަރަބާޚް އަޒަރުބައިޖާންގެ ސަރަހައްދެއްގެ ގޮތުގައި ހަދާފައިވަނީ ފުރަތަމަ ބޮޑުހަނގުރާމައިގާ ތުރުކީގެ އުޘްމާނީ ޚިލާފަތު ބަލިވުމަށްފަހު އެހިސާބުގަނޑަށް އަތްގަދަކުރި އޭރުގެ ރޫސީ ރަސްކަމުގެ ނިޒާމުން އެސަރަހައްދު ބައިކޮށް ސަރަހައްދީ ރޮނގު ކުރެހުމުގެ ތެރޭގަ އެވެ. އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު އަރުމީނިއާ އާއި އަޒަރުބައިޖާން އޮންނަ މުޅި ސަރައްދު އޮތީ އުޘްމާނީ ޚިލާފަތުގެ ބައެއްގެ ގޮތުގަ އެވެ.

އަރުމީނިއާ އާއި އަޒަރުބައިޖާން އަށް މިނިވަންކަން ލިބުނީ 90 ގެ އަހަރުތަކުގެ ކުރީކޮޅު ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން) ރޫޅިގެން ދިޔުމާ ގުޅިގެންނެވެ. ސޮވިއެޓް ޔުނިޔަން ގެ ދުވަސްވަރު އެއީ ސޮވިއެޓް އިއްތިޙާދުގައި ހިމެނޭ ދެގައުމެވެ. ސޮވިއެޓް އިއްތިޙާދަކީ ކޮންފެޑަރަލް އިއްތިޙާދެކެވެ.

ހަނގުރާމައިގާ ހަލާކުވެ ސުންނާފަތިކޮށްލާފައިވާ ތަނެއް

އަރުމީނިއާ އާއި އަޒަރުބައިޖާން އަށް މިނިވަންކަން ލިބުމާއެކު ނަގޯރްނޯ ކަރަބާޚް ގެ މައްސަލާގައި ދެ ގައުމުން ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރަމުން ގޮސްފައިވެ އެވެ. ނަމަވެސް ދިގުލީ ހަނގުރާމައަކަށް ގޮސްފައެއް ނުވެ އެވެ.

މިފަހަރުގެ ހަމަލާތައް ފަށާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ހަމަލާތަށް އިސްވެފެށީ އަޒަރުބައިޖާން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަޒަރުބައިޖާން އިން ޙަމަލާތަށް ފެށީ ނަގޯރްނޯ ކަރަބާޚް އަކީ އެގައުމުގެ ސަރަހައްދަކަށްވި ނަމަވެސް އަރުމީނިޔާގެ އެހީތެރިކަމާއެކު ނަގޯރްނޯ ކަރަބާޚް ގެ މިނިވަންކަމަށް މަސައްކަތްކުރާ އަރުމީނިޔާގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި އެސަރަހައްދު ބާއްވަމުން ގެންދާތީ އެވެ.

އަރުމީނިއާގެ އެހީތެރިކަމާއެކު ނަގޯރްނޯ ކަރަބާޚް ގެ ހަނގުރާމަވެރިންވަނީ އެސަރަހައްދުގައި މިނިވަން މުސްތަގިއްލު ދައުލަތެއްވެސް އިއުލާނުކޮށްފަ އެވެ. އަޒަރުބައިޖާން ދެކެނީ އެއީ ބަޣާވާތުގެ ހަރަކާތެއްގެ ގޮތުގަ އެވެ. މިހަމަލާތައް މިހާރުވަނީ ހަނގުރާމައަކަށް ބަދަލުވެފަ އެވެ.

ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ސަރަހައްދުގެ ބާރުތައް ކަމަށްވާ ރަޝިއާ އާއި ތުރުކީ ހަނގުރާމައިގެ ތެރެއަށް ނުސީދާގޮތެއްގައި ވަންނާނެކަމުގެ ބިރުވަނީ ހީވެފަ އެވެ. އަޒަރުބައިޖާން ގެ ގިނަ ރައްޔިތުންނަކީ ތުރުކީ ދަރިކޮޅުގެ ބަޔަކަށްވާތީ ތުރުކީގެ ތާއީދު އަޒަރުބައިޖާން އަށް އޮންނައިރު ރަޝިއާއަކީ އަރުމީނިޔާއަށް ތާއީދުކުރާ ގައުމެކެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިކަން އިޢުލާނު ކުރުމުގެ ގޮތުން އަރުމީނިއާ އާއި އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި ހަމަލާތަށް ހުއްޓާލަން ނިންމީ އިންސާނީ ސަބަބުތަކަށް ޓަކައި ކަމަށާއި ހަމަލާތަށް ހުއްޓާލުމަށްފަހު އަސީރުން ބަދަލުކުރުމާއި މަރުވެފައިވާ މީހުންގެ ހަށިތައް ބަދަލުކުރުމުގެ ކަންތަށް އދ. ގެ ޖަމްއިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކުރޮސް މެދުވެރިކޮށް ކުރިޔަށް ގެންދާނެކަމަށް ބުނެފައިވެ އެވެ.

ނަގޯރްނޯ ކަރަބާޚް ގެ ހަނގުރާމައިގާ އަރުމީނިއާ އާއި އަޒަރުބައިޖާން އިން ދެހާހަށްވުރެ ގިނަމީހުން ވަނީ ފާއިތުވި ދެހަފްތާ ތެރޭގައި މަރުވެފަ އެވެ. މީގެތެރޭގައި ސިފައިންނާއި އާންމުންވެސް ހިމެނެ އެވެ. (ނޫސްއެޖެންސީތައް)