ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ ބޫމީ ޕެޑްނޭކަރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ދުރުގާވަތީ"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައި ފިލްމު ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި އެވެ.

ހޮރޯ ކޮމެޑީ ޖޯންރާއަށް ގެނެސްދޭ މި ފިލްމު ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯގަ އެވެ. އަކްޝޭ ކުމާރު ފިރިހެން ލީޑު ކުޅޭ މި ފިލްމަކީ ކަރަން އާ ވިކީ ކޯޝަލް އާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ދުރްގާވަތީ އަކީ އަކްޝޭ އާއި ބޫމީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މަޝްހޫރު ގޭމް "ޓެމްޕަލް ރަން"ގެ ބެކްރައުންޑް ފެންނަހެން ހީވާގޮތަކަށް ފިލްމުގެ ޕޯސްޓަރު އާންމުކުރި އިރު ގިނަ ބަޔަކު ވަނީ ޕޯސްޓަރާ މެދު ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ޕޯސްޓަރުން ފެންނަ ދޮރުގެ ފަހަތުގައި ވަކީ ކޮން އެއްޗެއްތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލުކޮށްފަ އެވެ.

ބޫމީ ބުނީ އެ ދޮރުގެ ފަހަތުން ފެންނަ އެއްޗެއް ބެލުމަށް ފިލްމު ބަލަންޖެހޭނެ ކަމަށެވެ. ބަތަލާ ބޫމީ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސްގައި ރިލީޒްކުރި "ޑޯލީ ކިއްޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" އިންނެވެ. އެ ފިލްމުގައި ބޫމީ އާ އެކު ހަރަކާތްތެރިވީ ކޮންކަނާ ސެން އާއި ވިކްރަންތު މަސީ އެވެ.