10 Oct 2020, 06:55
ބޮލީވުޑްގެ އެންމެ މަގްބޫލު އަންހެން ލަވަކިޔުންތެރިޔާ ނެހާ ކައްކަރު، 32، ލަވަކިޔުންތެރިޔާ ރޯހަންޕްރީތު ސިންހް ލޯބީގެ ގޮތުން ގުޅިއްޖެ އެވެ.
މި މަހު ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވުނު ނަމަވެސް ދެތަރިން ގުޅިގެން އުޅޭކަން ކަށަވަރުވީ ދެމީހުންގެ އިންސްޓަގްރާމްގައި ވެސް އެކަކު އަނެކަކާ އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރުމާއެކު އެވެ. ނެހާގެ އިންސްޓަގްރާމުގައި އޭނާ އާއި ރޯހަން އެކުގައި ނަގާފައި އިން ފޮޓޯއެއް ލުމަށްފަހު ކެޕްޝަނުގައި ޖަހާފައިވަނީ "ޔޫ އާ މައިން" އެވެ. އަދި ރޯހަން ނެހާ އާއެކު ނަގާފައިވާ ފޮޓޯގަނޑު ހިއްސާކުރަމުން ބުނީ "މީޓް މައި ޒިންދަގީ" އެވެ.
ރަށްޓެހިވެގެން ގިނަ ދުވަހު އުޅެން ބޭނުންނުވާތީ ދެތަރިން ބޭނުން ވަނީ ވީހާ ވެސް އަވަހަށް ކައިވެނިކުރާށެވެ. ދެމީހުން ކައިވެނިކުރާނީ މި މަހު 24ގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނެހާ އާއި ރޯހަން ކައިވެނިކުރާނީ ދިއްލީގައި ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ.
ލަވަކިޔުންތެރިޔާ ނެހާ ކުރިން ލޯބީގެ ގޮތުން ގުޅުނީ އެކްޓަރު ހިމާންޝް ކޯލީއާ އެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށް ފަހު ދެމީހުން ވަކިވީ 2018 ވަނައަހަރު އެވެ.