10 Oct 2020, 11:04
ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "ލަކްޝްމީ ބޮމްބް"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ޓްރެއިލާ އިން ފެނިގެންދަނީ އަންހެން ޖިންނިއެއް އަކްޝޭގެ ހަށިގަނޑަށް ވަދެގެން ދެން ވާކަންތައްތަކެވެ. ބެލުންތެރިން ސިއްސައިގެން ދާ މަންޒަރުތަކެއް ޓްރެއިލާއިން ފެނިގެންދިޔައިރު ހީހީ ބަލިކޮށްލާވަރުގެ މަންޒަރުތަކެއް ވެސް ފެނިގެންދިޔަ އެވެ.
އެކްޓަރު އަކްޝޭ ބުނީ އޭނާގެ 30 އަހަރުވީ ފިލްމީ ކެރިއަރުގައި ވެސް މި ރޯލަކީ އެންމެ އިންޓެންސިވް ރޯލު ކަމަށާއި މި ކެރެކްޓާ މީގެ ކުރިން ދުވަހަކު ވެސް ތަޖުރިބާކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ކެރެކްޓާގެ އެކްޝަން އާއި ވާހަކަ ދައްކާގޮތް ވެސް މިއީ އަލަށް ތަޖުރިބާކޮށް ކުރަންޖެހުނު ކަމެއްކަމަށެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޑިޒްނީ ހޮޓްސްޓާއިން ރިލީޒްކުރާ އެ ފިލްމުގައި އަކްޝޭ އާ އެކު އަންހެން ލީޑުން ފެނިގެންދާނީ ކިއާރާ އަދުވާނީ އެވެ.
ލަކްޝީ ބޮމްބް ދައްކާ ބައެއް ގައުމުތަކަކީ އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑާއި ޔޫއޭއީ އެވެ. އެ ގައުމުތަކުގެ ސިނަމާތަކުގައި މި ފިލްމު ދައްކާއިރު ޔޫއެސްއޭ، ޔޫކޭ އަދި ކެނެޑާގެ ހޮޓްސްޓާގައި ވެސް މި ފިލްމު ރިލީޒްކުރާނެ އެވެ.
ރަގަވާ ލޯރެންސް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ އަކްޝޭ އާއި ކިއާރާ އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމެވެ.