10 Oct 2020, 06:57
މި އަހަރުގެ ނޮބެލް ސުލްހައިގެ އިނާމް ވޯލްޑް އދ. ވޯލްޑް ފުޑް ޕްރޮގްރާމް ޖަމިއްޔާ އަށް ލިބެއްޖެ އެވެ.
އެ ޖަމިއްޔާއަށް ސުލްހައިގެ އިނާމް ލިބުނީ ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެންނެވެ.
އެ ޖަމިއްޔާއަށް ސުލްހައިގެ އިނާމް ލިބުމުން އެކަމާ ވަރަށް އުފާކުރައްވާ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމްގެ އެގްޒެކިއުޓިވް ޑިރެކްޓަރު ޑޭވިޑް ބީސްލޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެން 80 ގައުމެއްގައި ބަނޑުހައި ހޫނުކަން ނައްތާލަން ކުރާ މަސައްކަތް ވަރަށް ރަނގަޅަށް ބަލައިގެންފި،" ޑޭވިޑް ވިދާޅުވި އެވެ.
ވޯލްޑް ފުޑް ޕްރޮގްރާމަށް ސުލްހައިގެ އިނާމް ލިބުނީ 107 ޖަމިއްޔާއަކާ ވާދަކޮށްގެންނެވެ.
އެ އިނާމަށް މަޝްހޫރު ކްލައިމެޓް ޗޭންޖް އެކްޓިވިސްޓް ގްރޭޓާ ތުންބާގް ވެސް ވާދަކުރި އެވެ.
ވޯލްޑް ފުޑް ޕްރޮގްރާމަށް ސުލްހައިގެ އިނާމް ލިބުމުން އެ ޖަމިއްޔާއަށް މަރުހަބާ ވިދާޅުވެ ޖަރުމަނު ވިލާތުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވީ ޖަމިއްޔާއަކަށް ނޮބެލް ސުލްހައިގެ އިނާމް ހައްގުވާ ނަމަ އެ ޖަމިއްޔާއަށް އެ އިނާމް ހައްގުވާނެ ކަމަށެެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކާނާ ފޯރުކޮށްދޭ ވޯލްޑް ފުޑް ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު އެކަނި ވެސް 88 ގައުމެއްގެ 100 މިލިއަން މީހުންނަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.