10 Oct 2020, 00:04
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ދިފާއު ކުރައްވައިފި އެވެ.
މިދިޔަ ބުދަ ދުވަހު މަޖިލިސް ޖަލްސާގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާ ގެނައުމުގެ ބިލަށް ވާހަކަ ދައްކަމުން އިންތި ވަނީ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެގޮތުން މާލޭ ލޮނުޒިޔާރަތްކޮޅުގައި ހަދާ ޕާކާ ގުޅިގެން ޝިފާއަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭސީސީން ކަންކުރި ގޮތާ ގުޅޭގޮތުން އިންތި ވާހަކަ ދެއްކެވި އެވެ. ޝިފާގެ ދިފާއުގައި އިންތި ވިދާޅުވީ، އެ ޕާކަކީ ވަކި މުއްދަތަކަށް، ތާރީހަކަށް ނިންމުމަަށް މަސައްކަތް ކުރި ޕާކެއް ކަމަށާއި އެކަން އޭސީން ބަލާފައިވަނީ "ކުޑަ ކުޑަ ފާހާނާ ބަރިއެއްގެ މައްސަލައިގައި" ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ބޭރުންގެ ފަރާތަކުން ހިލޭ އެހީ ހޯދީ ސިޓީ ކައުންސިލުން ކަމަށް އިންތި ފާހަގަ ކުރެއްވިއެވެ.
"އެ ފަންޑު ދިނީކީ ސަރުކާރުގެ އަތްމައްޗަކަށްވެސް ނޫން. ކައުންސިލްގެ އަތްމައްޗަކަށްވެސް ނޫން. ބޭރުގެ ބަޔަކު އަމިއްލައަށް ފަންޑުކޮށްގެން އެގޮތަށް ނިންމާފައި އަދި އެ މީހުން ބޭނުންވާ ބަޔަކަށް ކޮންޓްރެކްޓް ދީގެން، ފާހަނަ ބަރިއެއް ހަދާފައި ހަވާލުކޮށްލީމަ މިއީ ދުނިޔޭގެ ލެއްވި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުކަމަށް ހަދައި، ތަހުގީގުކޮށް ދައުވާކުރަން [ފޮނުވީ].،" ޝިފާގެ ދިފާއުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވިއެވެ.
ޝިފާއަކީ، ދުވަހަކު ކޮރަޕްޝަންގެ އަމަލެއް ހިންގަވާފާނެ ކަމަށް ބަޔަކު ތަސައްވަރުވެސް ކުރެވިފައިނުވާ ފަރާތެއްކަން ފާހަގަކޮށް، އިންތި ވިދާޅުވީ، އެގޮތަށް އޭސީސީން ޝިފާއަށް ދައުވާކުރަން ފޮނުވީ އެކަމަނާގެ "ނަން ކިލަނބުކޮށްލުމަށް" ކަމަށެވެ.
"މިފަދަ ދައުވާތައް ކުރުމަކީ، އެއީ އަދުލުއިންސާފު ގާއިމު ކުރުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެން ނެތް،" އިންތި ވިދާޅުވއިެވެ.
އޭނާ ވިދާޅުވީ، ބޮޑެތި މައްސަލަތައް ބެލުމަށް އޭސީސީން ވަރަށް ބޮޑަށް ނުކުޅެދިފައިވާ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ކުދި ކުދި މައްސަލަތައް ބަލާތަން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީ ފަދަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެ ކޮމިޝަނުން ބެލުމުގައި ލަސްތަކެއްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އެ ކޮމިޝަންގެ [އޭސީސީ]ގެ އިތުބާރު ނުވަތަ ޔަަގީންކަން ރައްޔިންތުނަށް ކުޑަވާ ގޮތަށް އަމަލުތައްކުރާ ތަންވެސް އެބަ ފާހަގަ ކުރެވޭ. މުޅި ދައުލަތަށް ބޮޑެތި ގެއްލުންދިން ކޮރަޕްޝަނުގެ އަމަލުތައް ހިންގުމުގައި [ތަހުގީގު ކުރުމުގައި] ނުކުޅެދިފައި ތިބޭއިރު ކުދިކުދި ކަންކަމުގައި ވަރަށް ފޯރިއާއެކު ޖިނާއީ ދައުވާކުރުމަށް ފޮނުވާ ތަން އެބަ ފާހަގަ ކުރެވޭ،" އިންތި ވިދާޅުވިއެވެ.
ލޮނުޒިޔާރަތްކޮޅު ޕާކްގެ މައްސަލައިގައި މިދިޔަ މަހު 29 ވަނަ ދުވަހު އޭސީސީން ވަނީ ޝިފާގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕޮރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ.
އޭސީސީއިން އޭރު ބުނީ އެ މައްސަލައިގައި ޝިފާގެ މައްޗަށް ދައުވާ އުފުލަން ޖެހެނީ، ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވަނީސް، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔާ ޝިފާއަށް ކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެމެ، ޝިފާ އެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލައިގައިވެސް އަދި މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން އޭނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ މުދަލާމެދު އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.