09 Oct 2020, 19:07
އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރު ކުރި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ)އާއެކު އަށް މީހަކު ބަންދުން ދޫކޮށްލައިފިއެވެ.
ޖުމްލަ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އެ އޮޕަރޭޝަނުގައި ޖުމްލަ 14 މީހަކު ފުލުހުން ހައްޔަރު ކުރިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އަށް މީހަކު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުން ބަންދުން ދުކޮށްލީ، އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ ދޫކޮށްލި މީހުންގެ ތެރޭގައި އެމައްސަލާގައި ޝަރީއަތް ނިމެންދެން ބަންދަށް ޖެހި މީހުން ހިމެނެ އެވެ.
އެ އަށް މީހުންގެ ތެރޭގައި ބޮންޑާވެސް ދޫކޮށްލި ކަމަށް އޭނާގެ ވަކީލު އިބްރާޙިމް ޝަމީލް "ސަން"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ކޯޓުން ދިން ބަންދުގެ މުއްދަތު ހަމަވެގެން ބޮންޑާ ބަންދުން ދޫކޮށްލައިފައިވާ ކަމަށް ޝަމީލް ވިދާޅުވިއެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ އިސްކޮށް އުޅުނު ދެމީހުން ފިޔަވާ އެންމެންނަށް ފަސް ދުވަސް ބަންދުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހު ކޯޓުން ވަނީ ޖަހާފައެވެ.
ބޮންޑާ އަތުލައިގެންފައިވަނީ، މަސްތުވާތަކެއްޗާއެކު ނޫން ކަމަށް މީގެ ކުރިން އޭނާގެ ވަކީލު ވަނީ ބުނެފައެވެ. އޭނާ އަކީ މީގެ ކުރިން މަސްތުވާތަކެތީގެ ރިކޯޑެއްވެސް އޮތް މީހެއް ނޫނެވެ. ނަމަވެސް އެ އޮޕަރޭޝަނާ އޭނާއާ ގުޅުން އޮތީ ކިހާ ވަރަކަށް ކަމެއް އަދި ސާފެއް ނޫނެވެ.
ބޮންޑާ ރަސްމީކޮށް ފުޓްބޯޅަ ކުރުމާ ދުރުވިތާ އަހަރުތަކެއްވެއްޖެ އެވެ. މިހާރު އޭނާ ހަރަކާތްތަރިވަމުން އަންނަނީ މަސްވެރިކަމުގެ ދާއިރާގަ އެވެ. އޭނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ ގޮނޑިއަކަށް އަމިއްލަ ގޮތުން ވާދަ ކުރުމަށް ކުރިމަތިލާފަ އެވެ.