09 Oct 2020, 16:20
ވޮޝިންޓަން (އޮކްޓޯބަރު 9): އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިޝިގަންގެ ގަވަރުނަރު ވަގަށްނަގައި އެސްޓޭޓްގެ ވެރިކަމަށް ގަދަބާރުން ވެރިވެގަތުމަށް ރާވަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.
އެމެރިކާގެ ފެޑްރަލް ޕްރޮސެކިއުޓަރުން ބުނީ މިޝިގަންގެ ގަވަރުނަރު ގްރެޗެން ވިޓްމާ ވަގަށްނަގައި އެސްޓޭޓްގެ ޕާލަމެންޓަށް ހަމަލާދީ އިންގިލާބަކުން ވެރިކަން ފޮރޮޅާލަން ރޭވި ކަމަށް ތުހުަތު ކުރެވޭ 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުން ނިސްބަތް ވަނީ ދޮންމީހުންގެ ޓެރަރިސްޓް ޖަމާއަތަކަށް ކަމުގަ އެވެ.
އެމެރިކާގެ ތަހްގީގުތަކާ ބެހޭ ފެޑްރަލް އިދާރާ (އެފްބީއައި) އިންވަނީ މި 13 މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް މީހަކު ވަގަށްނަގައި މަރާލަން ރޭވި ކަމުގެ ތުހުމަތު ކޮށްފަ އެވެ. އަނެއް ހަތް މީހުންގެ ތަހުގީގު އަދި ނުނިމޭ ކަމަށްވެ އެވެ. މިޝިގަންގެ ގަވަރުނަރު ގްރެޗެން ވިޓްމާ އަކީ އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓް ބޭސްގައި ދޮން މީހުންގެ މިފަދަ ހަރުކަށި ޖަމާއަތްތައް ހިމެނޭ ކަމަށް ޚަބަރުތައް ބުނެ އެވެ.
އެމެރިކާގައި ދޮންމީހުންގެ ހަރުކަށި ޖަމާއަތްތަކަށް ތާއީދުކުރައްވާ ފަދަ ބަސްތައް ނުސީދާ ގޮތެއްގައި ޓްރަމްޕް ވިދާޅުވެފައި ވެސްވެ އެވެ. ކޮވިޑް-19 އާ ގުޅިގެން މިޝިގަން ގަވަރުނަރު ގްރެޗެން ވިޓްމާ، އެސްޓޭޓްގައި އެޅުއްވި ފިޔަވަޅުތަކަށް ފާޑުވިދާޅުވެ އެފިޔަވަޅުތަކުން މިޝިގަން މިނިވަންކުރަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ވިޓްމާ، ވަގަށްނަގައި އެސްޓޭޓްގެ ޕާލަމެންޓަށް ހަމަލާދީ އިންގިލާބަކުން ވެރިކަން ފޮރޮޅާލަން ރޭވި ބަޔަކު ހައްޔަރު ކުރުމާ އެކު އެމެރިކާގައި ހަތިޔާރުއެޅި ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަށް ހަރަކާތްތެރިވާ މައްސަލަ ވަނީ ކުރިޔަށް ވުރެ ބޮޑަށް ފެންމަތިވެފަ އެވެ.
މި ހާދިސާއާ ބެހޭ ގޮތުން އެމެރިކާގައި ޝާއިޢުކޮށްފައިވާ މީޑީއާ ރިޕޯޓްތައް ބުނާގޮތުން މިޝިގަންގެ ގަވަރުނަރު ވިޓްމާ ވަގަށްނެގުމަށް ރޭވި މީހުންގެ ފަހަތުގައިވާ ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތަކީ "ވޮލްވެރިން ވޮޗްމެން" ނަމަކަށް ކިޔާ ހަރުކަށި ޖަމާއަތެކެވެ. މިއީ އެމެރިކާގައި ސިއްރިޔާތުގައި ހަރަކާތްތެރިވާ ޓެރަރިސްޓް އެތައް ޖަމާއަތްތަކެއްގެ ތެރެއިން ޖަމާއަތެކެވެ.
އެމެރިކާގައި ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ނުހޮވިއްޖެ ނަމަ ހަރުކަށި ފިކުރުގެ ދޮންމީހުންގެ މިފަދަ ޓެރަރިސްޓް ޖަމާއަތްތައް އެމެރިކާގައި ހަމަނުޖެހުން އުފައްދާނެކަމަށް މުހައްލިލުން ވަނީ ލަފާކުރައްވާފަ އެވެ.
މި މައްސަލައާ ގުޅިގެން ވިޓްމާ ވިދާޅުވެފައި ވަނީ، ދާދިފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮތްނޭނގޭ ބަޔަކު އޭނާއަށް މަރުގެ އިންޒާރު ދެމުން ދިޔަ ކަމަށާއި ނަމަވެސް އޭނާ ވަގަށްނަގައި މަރާލުމަށް ބަޔަކު މަސައްކަތް ކޮށްފާނެކަމަށް ގަބޫލުކުރެވިފައިނުވާ ކަމުގަ އެވެ.
އެފްބީއައި ބުނާ ގޮތުން ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 23 އަހަރާއި 44 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ. މި 13 މީހުންވެސް އަތުލައިގެންފައި ވަނީ އެފްބީއައި އިން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގަ އެވެ. އެމެރިކާގައި ކަޅުމީހުން ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ފަހަތުގައި ވެސް ވަނީ ދޮން މީހުންގެ ޓެރަރިސްޓް ޖަމާއަތްތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
(ނޫސްއެޖެންސީތައް)