17 Jan 2012, 22:10
ރާއްޖޭގެ މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެ ކޮމެޓީއެއް އަދާލަތު ޕާޓީން އެކުލަވާލައިފި އެވެ. އެއީ ގާނޫނު އަސާސީ އާއި އަދާލަތު ޕާޓީގެ ދުސްތޫރާ ޚިލާފުނުވާ ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރު އަދާލަތު ޕާޓީގެ ރައީސް އިސްކޮށް ހުންނަވާ ހަތް މެމްބަރުންގެ މައްޗަށް އެކުލަވާލި ކޮމެޓީއެކެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ މިރޭ އެކުލަވާލި ހަތް މެމްބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޝެއިޚް އިލްޔާސް ހުސެއިނާއި ޝެއިޚް މުހައްމަދު ޝަހީމް އަލީ ސަޢީދާއި، މުހައްމަދު އަހުމަދާއި، މުހައްމަދު މުއްތޮލިބާއި ހުސެއިން ވަފީރުގެ އިތުރުން އަސަދުﷲ ޝާފީއީ އެވެ.
އަދާލަތު ޕާޓީން ބުނީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ހަތް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލަން ފާސްކޮށްފައިވަނީ ރާއްޖޭގެ ހާލަތު މިހާރު ވެއްޓިފައިވާ ނާޒުކު ފައްތަރުން ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ. އަދާލަތުން ބުނީ އެ ކޮމެޓީގެ ފަރާތުން ގައުމުގެ ހާލަތު ދިރާސާކޮށް ޕާޓީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅާ، އެ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
އަދާލަތުން ބުނީ ގައުމުގައި ޚުދުމުހުތާރު ކަމާއެކު ގާނޫނަށް ބޯ ނުލަނބައި އަނިޔާވެރި ސަރުކާރު ހަމަ މަގަށް އެޅުމަށްޓަކައި އިސްލާމްދީނާއި ގާނޫނު އަސާސީގެ އިމުގެ ތެރެއިން ކުރާ ކޮންމެ ކަމެއްގައި އަދާލަތު ޕާޓީން ފުރިހަމައަށް ތާއީދުކޮށް އެއްބާރުލުން ދޭނެ ކަމަށެވެ.