09 Oct 2020, 09:40
އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމާ ގުޅިގެން މިދިޔަ މޭ މަހު މަރުވި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ މަރުގެ ދައުވާ ލިބޭ ޑެރެކް ޝޯވިން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
މިނިއޯޕޮލިސްގެ ކުރީގެ ޕޮލިސް އޮފިސަރު ޑެރެކް ދޫކޮށްލައިފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އޭނާ ދޫކޮށްލައިފައިވަނީ އެއް މިލިއަން ޑޮލަރު ކަފާލާތުގެ ގޮތުގައި ބަހައްޓައިގެންނެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ ޑެރެކް ދައްކައިފައިވަނީ ކިހިނެއް ކަމެއް މިނިއޯޕިލިސްގެ ފުލުހުން ހާމައެއް ނުކުރެެ އެވެ.
ޑެރެކް ކަފާލާތުގެ ދަށުން ދޫކޮށްލައިފައިވަނީ ޝަރުތުތަކާ އެކު އެވެ. އެގޮތުން ބަޑި ނުގެންގުޅުމާއި ފްލޮއިޑްގެ އާއިލާއާ ގުޅުން ނުބޭއްވުމާއި ސޯޝަލް މީޑިއާ ބޭނުންނުކުރުން އަދި ގަވައިދުން ކޯޓަން ހާޒިރުވުން ހިމެނެ އެވެ.
ފްލޮއިޑް މަރުވީ އޭނާގެ ކަރަށް ޑެރެކް އެތައް އިރެއް ވަންދެން ފައިން އަރައިގެން ހުރުމުގެ ސަބަބުން އޭނާއަށް ނޭވާ ނުލެވިގެންނެވެ.
އެ މައްސަލައާ ގުޅިގެން ޑެެރެކް މަގާމުން ވަކިކޮށްފައިވާއިރު ފްލޮއިޑްއަށް އިންސާފު ހޯދައިދިނުމަށް އެތައް ބަޔަކު އެގައުމުގައި މުޒާހަރާވެސްކޮށްފައިވެ އެވެ.
ޑެރެކްއަށް އުފުލައިފައިވަނީ ދެވަނަ ދަރަޖައިގެ މަރުގެ ދައުވާއެކެވެ. އޭނާއާއެކު އެކަމުގައި ދެން ޝާމިލްވި އަނެއް ތިން ފުލުހުންވެސް މިހާރު ތިބީ 750،000 ޑޮލަރު ދައްކައިގެން ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. --އަލްޖަޒީރާ