ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން މިއަދުން ފެށިގެން ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ އަތޮޅުން ހިމާޔަތްކޮށްފައި ވަނީ މާގަނޑު ތިލަ (އެނިމޯން ތިލަ) ސަރަހައްދާއި، ސެއްޅިފުށި - ހިރިޔަދޫ ސަރަހައްދާއި، މާކޯ ސަރަހައްދާއި، ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދު އަދި ދަށުގިރި ފިނޮޅު ސަރަހައްދު ކަމަށެވެ.

މާގަނޑު ތިލަ (އެނިމޯން ތިލަ) ސަރަހައްދު:

އެނިމޯން ތިލަ ސަރަހައްދަކީ ފާދިއްޕޮޅުގެ އުތުރަށް ވާގޮތަށް، އަތޮޅުގެ މެދުގައި އޮންނަ، ގިނަ އަދަދަކަށް މާގަނޑު ހެދިފައި ހުންނަ، ސޮފްޓް ކޮރަލް އަދި ހާޑް ކޮރަލް ގިނަ ސަރަހައްދެކެވެ. އެ ތިލައަކީ އެކި ފުންމިނުގައި ގިނަ ބާވަތްތަކުގެ މާގަނޑުތަކާއި، މާގަނޑު މަސްތައް ފެތުރިފައިވާ، އެއްތަނަކުން އެންމެ ގިނަ އަދަދަކަށް މާގަނޑު ފެންނަކަމަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭ ތަނެކެވެ.

އެ ތިލައިން އެންމެ ގިނައިން ފެންނަ މާގަނޑުގެ ބާވަތެއް ކަމަށް ރިކޯޑްކުރެވިފައިވަނީ މެގްނިފިސަންޓް ސީ އެނިމޯން އެވެ. އެ ސަރަހައްދުގައި ފާހަގަކުރެވޭ އިތުރު ދިރުންތަކުގެ ތެރޭގައި، ތަފާތު ވައްތަރުގެ މުރަކައިގެ ބާވަތްތަކާއި، މިޔަރާއި، ވެލާ ކަހަނބު ހިމެނެއެވެ.

އެ ސަރަހައްދުގައި 27 އާއިލާއަކަށް ނިސްބަތްވާ ފަރުމަސް ފެންނަކަމަށް ރިކޯޑްކުރެވިފައިވާ ކަމަށާއި ފަރުފަރާއި، ތިލަތަކަކީ ކަނޑުގެ ދިރުންތަކުގެ ނަސްލުތައް ދަމަހައްޓައިދީ، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްކޮށްދޭ އެންމެ ފުރިހަމަ ވަސީލަތަށްވާތީވެ، މިފަދަ ސަރަހައްދުތައް ހިމާޔަތްކުރުމަކީ މުހިންމު ކަމަށް މިނިސްޓްރީން ބުންޏެވެ.

ސެއްޅިފުށި އަދި ހިރިޔަދޫ އަކީ ފާދިއްޕޮޅުގައިވާ އެއްމެ ބޮޑު އެއް ފަޅުރަށް، އިދާރީ ގޮތުން ފަސް ރަށަކަށް ބަހާލާފައިވާ އިރު، އެ ރަށުގެ އެންމެ އުތުރަށް އޮންނަ ދެ ރަށެވެ. ޅ. ސެއްޅިފުށި - ހިރިޔަދޫ ޗަސްބިން ސަރަހައްދަކީ ފާދިއްޕޮޅުގެ އިރުމަތީ ބިތުގައިވާ ފަޅުރަށެކެވެ. ތާރީހީ ގޮތުން ބަލާއިރު އެ ފަސް ރަށް ވަކިން އޮތްކަމަށް ރިކޯޑް ކުރެވިފައިވީ ނަމަވެސް، އެ ފަޅުތެރޭގައި އޮއެ ބަދަލުވަމުންދާ ގޮތަށް ބަލައި ރަށްތަކަށް އަވަސް ބަދަލުތަކެއް އަންނަ ކަން ފާހަގަކުރެވިފައިވެއެވެ.

އެ ސަރަހައްދުގައިވާ ކޮއްލަވާނި (ބޭ) އަކީ ތިމާވެށީގެ ގޮތުން ހާއްސަ މާހައުލެއްް ކަމަށާއި އެފަދަ މާހައުލުތަކަކީ ރާއްޖޭގައި ވަރަށް މަދުން ފެންނަ، ފަރުގައި އުޅޭ ދިރުންތައް ވިހައި އާލާވުމަށް މުހިއްމު މާހައުލެއްް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ރަށުގައިވާ ކުޅީގެ ވަށައިގެން 19 ބާވަތެއްގެ ގަސްގަހާއިގެހި ހެދިފައިވާއިރު، އެ ރަށުގައިވާ ކަހެރުވައް ގަސްތަކަކީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ، އަދި އާލާކުރުން މުހިއްމު ބާވަތެއްގެ ގަހެއްް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި އެރަށަކީ ވެލާ ބިސްއެޅުމަށާއި، ކަނޑުމަތީ ދޫނި ނިދަންއަރާ އަދި ހާލި ހަދާ، މާހައުލުތައް ހިމެނޭ ސަރަހައްދެކެވެ.

ޅ. މާކޯ:

މާކޯއަކީ މާފިލާފުށީގެ އިރުން އޮންނަ، ބޮޑު ކަކުންޏާއި ބޮނޑު ދިރިއުޅޭކަމަށް ފާހަގަ ކުރެވިފައިވާ ގަސް ބޯ ރަށެކެވެ. އެރަށް ހާއްސަ ވަނީ އެރަށުގައިވާ ކުޅި އާއި އެކުޅީގައާއި އަދި ކުޅި ވަށައިގެންވާ ދިރުންތަކުގެ ސަބަބުންނެވެ.

އެގޮތުން އެރަށުގައިވާ ކުޅިއަކީ ގިނަ އަދަދަކަށް ބޭންގު ވިހައި އާލާވާ ކުޅިއެއް ކަމަށާއި އެ ރަށުގެ ކުޅި، ފައު، ޗަސްބިން ސަރަހައްދުގައި ގިނަ އަދަދަކަށް ކަނޑޫގަސް ހުރި ކަމަށް ރިކޯޑުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެއެވެ.

އަދި އެރަށުގެ ކުޅިއަކީ ރަށުގެ ހޭޅިފަށް ގިރުމުން ސަލާމަތްކޮށްދޭ ކާބަން ސިންކްއެއްގެ އިތުރުން، ރަށަށް ރީތިކަން ގެނެސްދޭ މާހައުލެއް ކަމަށް ވެސް މިނިސްޓްރީން ބުންނެވެ.

ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން، ގުޑުގުޑާ ދޫންޏާއި އެހެނިހެން ބާވަތްތަކުގެ ދޫނި އެރަށުގެ ކުޅި ސަރަހައްދުގައި ވިހާ އާލާ ވެއެވެ. މީގެ އިތުރުން އެރަށުން 11 ބާވަތެއްގެ ހިޖުރަކުރާ ދޫންޏާއި، ދެ ބާވަތެއްގެ ކަނޑުމަތީ ދޫނި ފެންނަ ކަމަށް ރިކޯޑްކުރެވިފައިވެއެވެ.

ޅ. ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި

ވައްވަރަކީ ސާދާ، ގުދުރަތީ ގޮތުން ރީތި ރަށެކެވެ. އަދި ހަމަ އެ ފަޅުގައި އުފެދިފައިވާ ދަނޑިފަޅު ފިނޮޅު ކައިރިއަކީ ގިނަ އަދަދެއްގެ ކުދި މަހުގެ ނާސަރީއެއްގެ އިތުރުން، ކަނޑުމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ ބިސް އަޅާ ހިތްގައިމު ތަނެކެވެ.

ދަނޑިފަޅު ފިނޮޅަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ގިނަ ކަނޑުމަތީ ދޫނީގެ ބާވަތްތައް ޖައްސާ، އެތަކެތި އާލާވެ ދިރިއުޅޭ މާހައުލެއް ކަމަށާއި އަދި އެ ފިނޮޅު ކައިރީގައި އުފެދިފައިވާ ފަރުގައި މަސް އާލާވާ ނާސަރީތައްވެސް އުފެދިފައިވާ ކަމަށް މިނިސްޓރީން ބުންޏެއެވެ.

އެއީ ވަރަށް ގިނައިން އެންމަޑިވެސް ފެންނަ ސަރަހައްދެއް ކަމަށާއި
އެ ސަރަހައްދު އިތުރަށް މުހިންމުވާ އެންމެ ބޮޑު ސަބަބަކީ ދޭތެރޭގައި އުފެދިފައިވާ ކަނޑުއޮޅީގެ ފުރިހަމަކަމެވެ.

އެއީ ވަރަށް ހާއްސަ ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ، މަދުން ނޫނީ ނުފެންނަ ބާވަތުގެ މަސްމަހާމެހި މުރަކައިގެ ބާވަތްތައް ގިނަ ސަރަހައްދެކެވެ.

އެހެންކަމުން، އެއީ ފީނާ މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު މަންޒިލެއް ކަމަށާއި ވައްވަރާއި ދަނޑިފަޅު ދެމެދުގައިވާ ކަނޑުއޮޅީގެ ފަރުތަކަކީ ކަނޑުއަޑީގެ ހޮހަޅާތަކާއި 'އޯވަހޭންގް' ތަކުން ފުރިފައިވާ، ފަރު އުފެދިފައިވާ ތަފާތު ބާވަތުގެ އެއްތަނަކުން ފެންނަ ސަރަހައްދެކއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ފަރުތަކުން ފާހަގަކޮށްލެވޭ ދިރުންތަކުގެ ތެރޭގައި، ގިނަ އަދަދެއްގެ ސޮފްޓް ކޮރަލްއާއި، މަދުން ނޫނީ ނުފެންނަ، 'ޔެލޯ މައުތުޑް މޮރޭ އީލް' އަދި ބޮޑެތި ދަންބޮޑު މަހުގެ އައިންތައް ހިމެނެއެވެ. އެ ފަރުތަކުން އާންމުގޮތެއްގައި ފެހިވެލައާއި ވައިފިޔަ މަޑި، އަދި ކަންނެލިވެސް ފެނެއެވެ.

ޅ. ދަށުގިރި ފިނޮޅު:

ދަށުގިރި ފިނޮޅަކީ މާފިލާފުށީގެ އުތުރުގައި، ވޭވަށުގެ އިރުމައްޗަށްވާހެން އުފެދިފައިވާ ބޮޑު ވެލިގަނޑެކެވެ. އެ ފިނޮޅުގެ ވެލިގަނޑަކީ މޫސުމާއެކު ބަދަލުވަމުންދާ އިރުވެސް، ހުރިހާ މޫސުމެއްގައިވެސް އެންމެ ގިނައިން ދޫނި ފެންނަ ފިނޮޅެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.

ކަނޑުމަތީ ދޫންޏަކީ ކަނޑުގެ ނިއުޓްރިއަންޓް ނުވަތަ ކަނޑުފަޅުގެ ދިރުންތަކުން ލިބިދޭ ކާނާ އެއްގަމަށް ގެނެސްދޭ އެންމެ މުހިއްމު އެއް ވަސީލަތަކީ އެއީ ކަމަށާއި އެ މާހައުލަކީ، ދޫނިތައް ދުވާލުގެ ވަގުތުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލާ، އަދި ރޭގަނޑު ނިދަން އަރާ، ދޫނި ބިސްއަޅާ، ވިހާ އާލާވާ، އިކޮލޮޖިކަލީ މުހިއްމު މާހައުލެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ފިނޮޅަށް ލިބޭ ހިމާޔަތަކީ އެ ދޫނިތަކަށްވެސް ލިބިދޭނެ ހިމާޔަތެއްކަމުން، ލާމެހިފައިވާ ވެށީގެ ދިރުންތަކަށް ލިބިދޭ މަންފާއިން މަސްވެރިކަމާއި ފަތުރުވެރިކަމަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

ރާއްޖޭގެ ގުދުރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ގުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އަދި އިގްތިސޯދީ، އިޖްތިމާއީ ކުރިއެރުން ހޯދުމަށްޓަކައި އެ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިމާޔަތްކުރުމުގެ ދަށުން ކޮންމެ އަތޮޅުކަން މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ހިމެނޭ ގޮތަށް ހިމާޔަތްކުރުމަށް ވަނީ ހިމަނާފައެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނުގެ ދަށުން މިހާތަނަށް 71 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އަދި މި ސިޔާސަތުގެ ދަށުން ފަސް އަތޮޅަކުން ނުވަ ރަށް، ހަ އަތޮޅަކުން 13 ފަރު، އަދި ފަސް އަތޮޅަކުން އަށް ކަނޑޫފާ 2018ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވަނީ ހިމާޔަތްކުރެވިފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޅ. އަތޮޅުގެ ދެ ސަރަހައްދެއް މީގެ ކުރިން ވަނީ ހިމާޔަތްކޮށްފައެވެ. އެއީ ސެޕްޓެންބަރު 27، 1995 ގައި ހިމާޔަތްކޮށްފައިވާ ޅ.ފުށިފަރު ތިލަ ސަރަހައްދާއި، އޮކްޓޫބަރު 21، 1999 ގައި ހިމާޔަތްކޮށްފައިވާ ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއްދޫ އެކްސްޕްރެސް) ސަރަހައްދެވެ.