09 Oct 2020, 09:53
އަންނަ އަހަރު ސިނަމާތަކަށް ގެނެސްދިނުމަށް ތާވަލްކޮށްފައިވާ ފިލްމު "އާރްއާރްއާރް" ގެ ޝޫޓިން ފަށައިފިއެވެ.
ކޮވިޑް19 ގެ ސަބަބުން އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުން ފިލްމުގެ މަސައްކަތްތައް ވެސް މެދުކެނޑިފައި އޮތުމަށްފަހު މިހާރު މިވަނީ ފިލްމުތަކުގެ މަސައްކަތްތައް އަލުން ފަށާފައެވެ. ލޮކްޑައުންކުރުމުގެ ކުރިން ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށް ނިންމާފައިވާއިރު މިހާރު ޝޫޓްކުރަން ފެށީ ފިލްމުގެ ބާކީ މަންޒަރުތަކެވެ. ފިރިހެން ދެ ލީޑު ފެނިގެންދާ މި ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ހިޔާލީ ދެ ކެރެކްޓާއަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ.
ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ލީޑު ރޯލުން ފެނިގެންދާއިރު އަންހެން ބަތަލާއަކީ އާލިއާ ބަޓްއެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން އަޖޭ ދޭވްގަން ވެސް ފެންނާނެއެވެ. ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުނީ މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއް ނޫންކަމަށާއި ފިލްމުގެ އެކްޓަރަކާ އާލިއާގެ ކެރެކްޓާއާ ލޯބީގެ ގުޅުމެއްވެސް ނޯންނާނެކަމަށެވެ. އޭނާ ބުނީ މި ފިލްމުގައި އާލިއާ ފެނިގެންދާނީ ވަރަށް މައުސޫމް ރޯލަކުން ކަމަށެވެ. ސީތާ ކިޔާ ކެރެކްޓާއަކުން އޭނާ މި ފިލްމުން ފެނިގެންދާއިރު އެ ކެރެކްޓާއަކީ ފިލްމަށް ވަރަށް މުހިންމު ކެރެކްޓާއެއް ކަމަށްވެސް އޭނާ ބުންޏެވެ.
ދެ މަސް ދުވަހުގެ މުއްދަތަކަށް ޝޫޓިން ކުރިއަށްދާ އެ ފިލްމުގެ ޝޫޓިން އާ އާލިއާ ގުޅޭނީ އަންނަ މަހެވެ. ހައިދަރުއާބާދުގައި ފިލްމުގެ ޝޫޓިން ފެށިއިރު މި ފިލްމު ހިންދީ، މަލަޔާލަމް، ތަމިލް އަދި ކަނާޑާ ބަހުން ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. ފިލްމުގެ ބަޖެޓަކީ 450 ކުރޯޑު ރުޕީސްއެވެ.