ތ. އަތޮޅު ތިމަރަފުށީ ޑޮމެސްޓިކް އެއަޕޯޓް ތަރައްޤީކޮށް ހިންގާ ފަރާތަކަށް ޓޫރިސްޓް ރިޒޯޓް ހިންގުމަށް ޓަކައި ދެ ފަޅުރަށް ދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

މިކަން މިގޮތަށް ނިންމެވީ، މިކަމާ ގުޅޭ ގޮތުން އެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތިމަރަފުށީގައި ސަރުކާރުން އެއާޕޯޓް ހެދުމަށް ބޭނުންވާ ސަރަޙައްދުގެ ގޮތުގައި، 31 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، މިދިޔަ އަހަރު ވަނީ ނިންމަވާފަ އެވެ. އެއަޕޯޓް ތަރައްޤީ ކުރުމަކީ، ވަރަށް ބޮޑު ޚަރަދުތަކެއް ހިނގާ ކަމެއް ކަމަށާއި އެފަދަ ކަމަކަށް އިންވެސްޓް ކުރާ އިރު، ޚަރަދު ފޫބެއްދުމަށް ޓަކައި ޓޫރިސްޓް ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް ފަޅުރަށްރަށް ދޫކުރެއްވުމަކީ، އެ ސަރަޙައްދެއްގެ ޞިނާޢީ ކުރިއެރުމަށާއި ވަޒީފާގެ ފުރްޞަތުތައް އިތުރުކުރުމަށް ލިބިގެންދާ ވަރަށްބޮޑު ބާރެއްކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިިި ކަމަށް ރައީސް އޮފީހުން ބުންޏެވެ.