08 Oct 2020, 13:49
ވޮޝިންޓަން (އޮކްޓޯބަރު 8): އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އިދިކޮޅު ކެންޑިޑޭޓް މައިކް ޕެންސްގެ ރަނިންމޭޓުންގެ ގޮތުގައި ނައިބު ރައީސް ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ބަހުސްގައި ޓްރަމްޕް ދިފާއު ކުރުމަށް އޭނާގެ ރަނިންމޭޓް އަދި އެމެރިކާގެ މިހާރުގެ ނައިބު ރައީސް މައިކް ޕެންސް ނުކުޅެދިވަޑައިގެންފި އެވެ.
ޓްރަމްޕާ ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެންގެ ރަނިން މޭޓް ކަމަލާ ހެރިސްއާ އެކު ބޭއްވި މިބަހުސްގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޮވިޑް-19ގެ ޝިކާރައަކަށް އެމެރިކާވެ، އެބަލި ކޮންޓްރޯލް ކުރަން ޓްރަމްޕްގެ ސަރުކާރު ނުކުޅެދިފައިވާ މައްސަލާގައި ޓްރަމްޕްގެ ސަރުކާރަށް ކަމަލާ ހެރިސް ކުރެއްވި ތުހުމަތުތަކަށް މައިކް ޕެންސަށް ރައްދު ނުދެވުނު މައްސަލަ އެވެ.
ހެރިސް ވަނީ ކޮވިޑް-19ގެ ނުރައްކާތެރިކަން، ޕެންސް އާއި ޓްރަމްޕް ގަސްދުގައި އެމެރިކާގެ ރައްޔިތުންނަށް އޮޅުވާލައްވާފައިވާ ކަމަށް ތުހުމަތު ކުރައްވައި އެކަމާ ގުޅިގެން އެމެރިކާގެ އިގްތިސާދު އިނދަޖެހި އެމެރިކާ ރައްޔިތުންގެ ތެރެއިން ދެލައްކަ އަށް ވުރެ ގިނަ މީހުން މަރުވުމުގެ ޒިންމާ ޓްރަމްޕާއި ޕެންސް ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ހެރިސްގެ ބަހުގެ މިހަމަލާތަކަށް ރައްދު ދިނުމަށް ނުޅެދިފައިވާ ޕެންސް ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ޕްލޭނެއް ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގައި ނެތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު ފެއިލްވުމުން އެމެރިކާއަށް ލިބުނު ގެއްލުންތައް ދިފާއު ކުރެވޭވަރުގެ ރައްދެއްނޫން ކަމަށް މުހައްލިލުންގެ އިތުރުން ބަހުސު ބެލި އެތައް ބަޔަކު ވަނީ ސިފަކޮށްފަ އެވެ.
ނުވަދިހަ މިނިޓުގެ ބަހުސް ބޮޑަށް ކޮންޓްރޯލްކުރީ ޕެންސް ކަމަށް ވިޔަސް ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދެއްކޭނެ ގިނަ ވާހަކަތަކާއި ކުރެވޭނެ ގިނަ ތުހުމަތުތަކެއް ހުރެފައި ޓްރަމްޕްގެ ބަލިފައިތައް މާބޮޑަށް ފެންނަން ހުރުމުން ރައްދުދީ ޓްރަމްޕްގެ ބަލިފައިތަކާއި ނާކާމިޔާބީތައް ދިފާއުކުރުމުގައި ޕެންސް ވަރަށްބޮޑަށް ނާކާމިޔާބު ވެގެން ދިޔަ މަންޒަރު ބަހުސުން ވަނީ ފެނިފަ އެވެ. ނަމަވެސް ބަހުސުގެ ވައްޓަފާޅީގައި ހެރިސް އަށް ވުރެ މޮޅީ ޕެންސް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ކޮވިޑް-19ގެ ވެކްސިނެއް ނެރޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ މައްސަލައިގެ ބަހުސްގައި ހެރިސް ވަނީ ސިއްހީ މާހިރުންގެ އާނބަސް ލިބޭނެ ވެކްސިންއެއް ނެރުމުގެ ފުރުސަތު ރިޔާސީ އިންތިޚާބުގެ ކުރިން ނެތް ކަމަށާއި ޓްރަމްޕަކީ އިލްމީ ހަގީގަތްތައް ގަބޫލުކުރައްވާ ބޭފުޅެއްކަމުން ސިއްހީ މާހިރުންގެ އާނބަސް ނުލިބޭ ވެކްސިންއެއް ވެސް ޓްރަމްޕް ނެރުއްވަފާނެ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އެފަދަ ވެކްސިނެއް އެމެރިކާގެ ގިނަ ބަޔަކު ބޭނުންނުކުރާނެ ކަމަށާއި ޚުދު އޭނާ ވެސް ބޭނުން ނުކުރައްވާނެ ކަމަށް ހެރިސް ވިދާޅުވި އެވެ.
އެމެރިކާގައި ކޮވިޑްގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، އެބަލި ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑަށް ނުކުޅެދިފައިވާ ގައުމަކަށް އެމެރިކާ ވެފައިވާއިރު ޓްރަމްޕާއި ޓްރަމްޕް ދިރިއުޅުއްވާ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ 34 މުވައްޒަފަކު ވެސް ވަނީ އެބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
ކޮވިޑްގެ ހަގީގަތް ގަބޫލުކުރުމަށް ދެކޮޅު ހައްދަވާ ޓްރަމްޕް އިއްޔެ ވަނީ ކޮވިޑުގެ ނުރައްކާ ކުޑަކަމަށާއި އެހެން ރޯގާތައް މާނުރައްކާ ކަމަށް ވިދާޅުވެ ޓްވީޓްތަކެއް ކުރައްވައިފަ އެވެ. ނަމަވެސް ޓުވިޓާ އިން ވަނީ އެއީ ހަގީގަތް އޮޅުވާލުމުގެ ނުބައި މައުލޫމާތުތަކެއް ހިމެނޭ ޓުވީޓްތަކެއް ކަމަށްވާތީ އެތަކެތި ޑިލީޓް ކޮށްފަ އެވެ.
ޓްރަމްޕާއި ބައިޑެންގެ ބަހުސް ހޫނުވެ އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ވާހަކަތައް ހުއްޓުވި ނަމަވެސް ރަނިންމޭޓްގެ ބަހުސު ހޫނުވެ އެހިސާބަށް ގޮސްފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)