08 Oct 2020, 14:00
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ތެރެއިން ފިޔަވަތީގައި ތިބޭ ކުދިންތަކަކަށް ކޮވިޑް-19 ޖެހުމާ ގުޅިގެން ކަރަންޓީނުގައި ތިބި ކުދިން އެހެން ތަންތަނަށް ބަދަލުކުރަން ނިންމައިފި އެވެ.
ފިޔަވަތިން ކޮރޯނާގެ ކޭހެއް ފުރަތަމަ ފެނުނީ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ގައިން މިދިޔަ މަހު 30 ވަނު ދުވަހު އެވެ. އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބައިތިއްބާފައިވާ ތިބޭ ފަންގިފިލައިގަ އެވެ.
އޭގެ ފަހުން އެތަނުން ކޮވިޑަށް ޓެސްޓްކުރި މީހުންގެ ތެރެއިން އަށް ކުދިން ވަނީ ވަނީ ބައްޔަށް ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ހައި ރިސްކު ކެޓެގަރީގައި ހިމެނޭ ކުއްޖަކަށް ވުމުން ކެއާވޯކަރަކާ އެކު އެ ކުއްޖާ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލުކުރިކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އަދި އަދި ޕޮޒިޓިވްވި އިތުރު ކުދިން ވެސް އެހެން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ.
"ފިޔަވަތި އަކީ ގިނަ ކުދިން އެތަނެއްގައި ތިބޭ ޖާގައިގެ ދަތިކަން ހުރިތަނެއް ކަމުގައިވުމުން، އެޗްޕީއޭ އަދި އެޗްއީއޯސީ އިން ވަނީ ކުދިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ސަރވިސްއަށް އިރުޝާދު ދެއްވައިފަ އެވެ. އަދި މި އިރުޝާދުގެ ދަށުން މި ސާވިސް އިން ވަނީ ކަމާ ގުޅުން ހުރި އިދާރާތަކާއި މޮނިޓަރކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށް ފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއަރވޯކަރުންނާ އެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމައިފަ އެވެ." ޖެންޑާ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ކުދިން ބަދަލުކުރާ ތަނަކީ ތިން ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނަކަށް ވެފައި، ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އޭގެ އިތުރުން އެ ކުދިންގެ ތަޢުލީމީކަންކަން ވެސް އެ ތަނުގައި ރަނގަޅަށް ލިބޭނެ ކަމަށާއި އަދި ފިޔަވަތީގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ މަޢުލޫމާތު ދެމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.