08 Oct 2020, 13:36
ސްރީލަންކާގައި މިފަހުން ކޮރޯނާ ފެންނަން ފެށިފަހުން އަލަށް ފެންނަން ފެށި ކްލަސްޓާތަކުން ބަލި ޖެހުނު މީހުންގެ އަދަދު 1000 އިން މައްޗަށް އަރައިފިއެވެ.
ލަންކާގެ ޕަބްލިކް ހެލްތު ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަންގާރަ ދުވަހު ވަނީ ކޮވިޑްގެ 739 ކޭސް ފެނިފައެވެ. މިއީ ރެކޯޑް އަދަދެކެެވެ. އަދި އިއްޔެވެސް ވަނީ ބަލިޖެހިފައިވާ އިތުރު 207 މީހުން ފެނިފައެވެ.
ލަންކާއިން އެންމެ ގިނައިން ކޭސްތައް ފެނިފައިވަނީ އެގައުމުގެ މިނިވަންގޮޑާ ސަރަހައްދުގައި ހުންނަ ގާމަންޓް ފެކްޓްރީއަކުންނެވެ. އެންމެ ފުރަތަމަ ކޭސް ފެނުނީވެސް އެތަނުގައި މަސައްކަތް ކުރަމުން ދިޔަ 39 އަހަރުގެ އަންހެނެއްގެ ގައިން މިދިޔަ އާދިއްތަ ދުވަހުއެވެ.
މިނިވަންގޮޑާ ސަރަަހައްދަކީ ލަންކާގެ ވެރިރަށް ކޮލޮމްބޯއާ 44 ކިލޯ މީޓަރު ދުރުމިނުގައި އޮންނަ ސަރަހައްދެކެވެ. އެ ފެކްޓްރީން ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 800 އިން މައްޗަށް އަރައިފައެެވެ.
އާ ކްލަސްޓާތަކުން ލަންކާގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1063 އަށް އަރައިފައެެވެ.
ލަންކާގެ ޗީފް އެޕިޑޮމޮލޮޖިސްޓް ޑރ. ސުދާތު ސަމަރަވީރާ ވިދާޅުވީ މިނިވަންގޮޑާގައި އިތުރު ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑު ކަމަށެވެ. އެެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް އާންމުން އިރުޝާދުތަކަށް ބޯލެނބުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.
އޭނާ އިތުރަސް ވިދާޅުވީ މިނިވަންގޮޑާގެ ފެކްޓްރީ ކްލަސްޓާއިން ކޮންޓެކްޓް ޓްރޭސިން ހެދައި ނިންމަން އަދިވެސް ގިނަ ވަގުތަކެއް ބޭނުންވާ ކަމަށެވެ. މިހާރުވެސް އެ ފެކްޓްރީން ހާހަކަށްވުރެ ގިނަ މީހުންގެ ކޮންޓެކްޓް ޓްރޭސިންވަނީ ހަދައިފައެެވެ.
އަލުން ކޮވިޑް ފެނުމާ ގުޅިގެން ލަންކާއިން ވަނީ ވަކި މުއްދަތެއް ނެތި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އެގޭ ތެރޭގައި ފެސްޓިވަލްތަކާއި ކޮންފަރެންސްތަކާއި މިއުޒިކް ކޮންސެޓްތައް ހިމެެނެ އެވެ. ނަމަވެސް ކުރިން ބާއްވަން ޝެޑިއުލްކޮށްފައިވާ ކައިވެނީގެ ހަފްލާތައް ޕަބްލިކް ހެލްތު އިންސްޕެކްޓަރުންގެ އިރުޝާދުގެ ދަށުން ބޭއްވޭނެކަމަށް ޑރ. ސުދާތު ވިދާޅުވިއެވެ.
ސްރީލަންކާއިން މިހާތަނަށް 4459 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި 13 މީހުން ވަނީ މަރުވެފަ އެވެ. އަދި ބަލިން 3274 މީހުން ވަނީ ރަނގަޅުވެފަ އެވެ.