އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 324 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.

މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލާފައިވަނީ މީޑިއާތަކުގެ ހާޒިރުގައި ދޫނިދޫގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ.

ފުލުހުން ބުނެފައިވަނީ އެ ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

"މިހާރު މި ނައްތާލެވެނީ 2020 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އަޅުގަނޑުމެންގެ އަތުގައި ހުރި މަސްތުވާތަކެތީގެ ތެރެއިން ހަމައެކަނި މިވަގުތަށް ހުއްދަ ޕީޖީ އޮފީހުން ނުލިބި ހުރި މަދު ކޭސްއެއް ފިޔަވާ އެހެން ހުރިހާ ކޭސްގެ އެއްޗެހި،" ފުލުހުން ފާހަގަކޮށްފައިވެ އެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 100.81 ކިލޯގްރާމްގެ ހެރޮއިން އާއި 158.8 ކިލޯގެ ކެނަބިސް އަދި 39.04 ކިލޯގެ މެޓަމްފެޓަމިން ހިމެނެ އެވެ. އަދި އޭގެއިތުރުންވެސް 14.9 ކިލޯގެ ކޮކެއިން އާއި 1.7 ކިލޯގެ އެމްޑީއެމްއޭ އާއި އެހެން މަސްތުވާތަކެތި މިއަދު ނައްތާލާފައިވެ އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

މަސްތުވާތަކެތި ނައްތާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މި ސަރުކާރު އައި ފަހުން ރާއްޖޭގައި އާންމުން މަސްތުވާތަކެތިން ސަލާމަތްކުރުމަށްޓަކައި ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައި ކަމަށެވެ.

"2019 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަދާ ހަމައަށް ބަލާނަމަ މި ނައްތާލެވެނީ 1.1 ޓަނުގެ މަސްތުވާތަކެތި. މިއީ ވަރަށް ގިނަ މަސައްކަތް. މިއީ ވަރަށް ބުރަ މަސައްކަތް،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އެގޮތުން މަސްތުވާތަކެތީގެ ގާނޫނު 2011 ގައި އުފެދިގެން އައި ފަހުން މި ސަރުކާރު އުފެދުމާ ހަމައަށް ނައްތާލާފައިވަނީ އެންމެ 32 ކިލޯގެ މަސްތުވާތަކެތި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފުލުހުން ވަނީ މިދިޔަ އޯގަސްޓު މަހުގައި 190 ކިލޯގެ މަސްތުވާތަކެތި ނައްތާލާފަ އެވެ. އެ މަސްތުވާތަކެއްޗަކީ 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ނައްތާނުލެވި ހުރި، އެކި މައްސަލަތަކުގައި ހިމެނޭ ތަކެއްޗެވެ.