މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލަން ބޭނުން ނުވާ ކަމަށް އިންޓަމިލާންގެ ރައީސް މަސިމޯ މޮރާޓީ ބުނެފި އެވެ.

އިންޓަމިލާންގެ ރައީސް މޮރާޓީއާ ހަވާލާދީ މިއަދު އިޓަލީގެ ނޫސްތަކުގެ ފަލަސުރުހީގައި ބުނެފައި ވަނީ، ޓެވޭޒް ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ޓެވޭޒްގެ މުހިންމު ކަން އިންޓައަށް ބޭނުންވެފައި ވާކަމަށް ވެސް މޮރާޓީ ވަނީ ބުނެފައެވެ.

ޓެވޭޒް ހޯދުމަށް އިންޓައިން މަސައްކަތް ފަށާފައި ވާއިރު، އެކުލަބުގެ އަވައްޓެރި އޭސީ މިލާނުން ވެސް ޓެވޭޒް ގެންދިއުމަށް މަސައްކަތް ކުރަމުން ދެއެވެ.

އުމުރުން 27 އަހަރުގެ ޓެވޭޒް ގެންދިއުމަށް އިންޓަ އިން މަސައްކަތް ކުރަނީ ލޯނުގެ ދަށުން ކަމަށާއި، އަންނަ ސީޒަނު ފެށުމުން 20 މިލިޔަން ޔޫރޯ އަށް ޓެވޭޒް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އިޓަލީގެ ބައެއް މީޑިޔާ ތަކުގައި ވަނީ ބުނެފައެވެ.

ނަމަވެސް އިޓަލީގެ ބައެއް ރިޕޯޓްތަކުން ބުނާގޮތުގައި ޓެވޭޒް ދިއުން އެންމެ ކައިރީ ވާދަވެރި އޭސީ މިލާނަށް ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ ސެޕްޓެމްބަރު މަހު ބެޔާން މިއުނިކާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި މެޗަށް އެރުމަށް ދެކޮޅު ހެދުމުން ޓެވޭޒް އަށް ސަސްޕެންޝަނާއި އެކު ޖޫރިމަނާ ވެސް ކުރެވިފައި ވެއެވެ. އެ މެޗަށް ފަހު މެންސިޓީގެ ބެންޗުން ވެސް ޓެވޭޒް ފެނިފައެއް ނުވެ އެވެ.