ވޮޝިންޓަން (އޮކްޓޯބަރު 8) : އެމެރިކާގެ ރިޔާސީ އޮފީސް އަދި ރިޔާސީ ގަނޑުވަރު ކަމަށްވާ ވައިޓް ހައުސްގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން ވައިޓް ހައުސްގެ މުވައްޒަފުންގެ ތެރެއިން 34 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެމީހުން ކަރަންޓީނަށް ގެންގޮސްފައިވާ އިރު އޭގެތެރެއިން ބައެއް މުވައްޒަފުން ވަނީ ވަރަށް ބޮޑަށް ހުންއައިސް ހަށިގަނޑުގައި ވަރުދެރަވާގޮތް ވެފަ އެވެ. މިދިޔަ ހަފްތާގައި ޓްރަމްޕަށް ކޮވިޑް ޖެހުމާއެކު ވައިޓް ހައުސް ގައި ކޮވިޑް-19 ފެތުރުމަށް ފަހު ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ގައިދުރުކަމެއް ނެތި މަސައްކަތްކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ވައިޓް ހައުސްގައި އެއްވެސް ދިރުމެއްނެތި "ގޯސްޓް ސިޓީ" އަކަށް ބަދަލުވެފައި

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ނިޔުޔޯކް ޓައިމް ބުނާގޮތުން ވައިޓް ހައުސްގެ އެކި އިމާރާތްތަކުގައި ކޮވިޑް ވައިރަސް ފެތުރިފައިވުމުގެ ސަބަބުން އެތަނުގެ ވެރިންނާއި މުވައްޒަފުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެޜޭގަ އެވެ. މިބިރުވެރިކަމާއެކު ވައިޓް ހައުސްގައި އެއްވެސް ހަރަކާތެއްނެތް ކަމަށާއި އިމާޖެންސީކޮށް ކުރަން ޖެހޭ މަސައްކަތްތަށް ކުރިޔަށް ގެންދަނީ އިންޓަނެޓްގެ އެހީގައި އެކަކު އަނެކަކާ ދުރުގައި ތިބެގެންނެވެ.

ޓްރަމްޕް އާއި ވައިޓް ހައުސްގެ މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކޮވިޑްއާ ދެކޮޅަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަކުރުމުގެ ސަބަބުންކަމަށް ބެލެވިފައިވާ ކަމަށް އެމެރިކާގެ ނޫސްތައް ބުނެ އެވެ. އަދި ވައިޓް ހައުސް އާއި އެތަނުގެ އެހެން އިމާރާތްތަކާއި މުޅި ގޯތިތެރެ ފެންނަނީ ހަރަކާތެއްނެތް ފަޅު ތަނެއްގެ ގޮތުގައި ކަމަށާއި ވައިޓް ހައުސްގެ ސަރަހައްދަކީ މިހާރު ގޯސްޓް ސިޓީއެއްކަމަށް އެމެރިކާގެ ނޫސްތަކުން ވަނީ ސިފަކޮށްފަ އެވެ.

ޓްރަމްޕް ގެންދަވަނީ ކަރަންޓީނު ފުރިހަމަނުކޮށް ކޭންޕޭނަށް ނުކުންނަން މަސައްކަތް ކުރައްވަމުން

ކޮވިޑް ޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެބަލި ޖެހިގެން އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސް އެޑްމިޓްކުރިތާ ހަތަރު ދުވަސް ވެސް ނުވަނީ އެތަނުން ނުކުމެވަޑައިގެން އެނބުނރި ވައިޓް ހައުސްއަށް ވަޑައިންފަ އެވެ. އަދި ޓްރަމްޕް ގެންދަވަނީ ކަރަންޓީނުގެ 14 ދުވަސް ވެސް ފުރިހަމަ ނުކޮށް ކޭންޕޭނަށް ނުކުންނަނާނެ ކަމަށް އިޝާރާތް ކުރައްވަމުންނެވެ. މިގޮތުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު މިޔަމީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ދެވަނަ ބަހުސުގައި ބައިވެރިވެވަޑައިގަތުމަށް ކެތްމަދުވެފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ޓްރަމްޕްގެ ވާދަވެރިޔާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންވަނީ ކޮވިޑްގެ އަލާމާތްތައް ހުރިނަމަ އަދި ކޮވިޑް އިން ޓްރަމްޕް ސަލާމަތްވެފައިވާކަން މެޑިކަލް ޓެސްޓްތަކުން ކަށަވަރު ނުވަނީސް ޓްރަމްޕާ އެކު ދެވަނަ ބަހުސުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ކޮވިޑް އިން ޓްރަމްޕް ސަލާމަތްވެފައިވާކަން ޓެސްޓްތަކުން ކަށަވަރުވި ނަމަވެސް ޓްރަމްޕާއެކު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނީ ކޮވިޑް އާ ދެކޮޅަށް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ޓްރަމްޕް އެޅުއްވުމުން ކަމަށާއި އޭގެތެރޭގައި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަން ހިމެނޭނެކަމަށް ބައިޑެން ވިދާޅުވި އެވެ.

ޓްރަމްޕަށް ހަމްދަރުދީއެއްނެތް، އޭނާގެ މަގްބޫލުކަން އިތުރަށް ދަށަށް

އަނެއްކޮޅުން ކޮވިޑް އާ ގުޅިގެން ޓްރަމްޕާއި ޓްރަމްޕްގެ ކޭންޕޭންގެ އިސް ބައެއް ބޭފުޅުން ކަރަންޓީނުގައި ތިއްބަވަންޖެހިފައިޥާއިރު އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން އާއި އޭނާގެ ޓީމު ގެންދަނީ ވަރުގަދައަށް ކެންޕޭން ކުރަމުންނެވެ. މިއާއެކު ބައިޑެންގެ މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވާކަމާއި ކޮވިޑްޖެހުމަށް ފަހު ވެސް ޓްރަމްޕަށް އާންމުންގެ ހަމްދަރުދީއެއްނެތްކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންދަނީ ހާމަވަމުންނެވެ. ޓްރަމްޕަށް ކޮވިޑް ޖެހުމުގެ ކުރިއާ ފަހުގެ ޚިޔާލު ހޯދުމުގެ ސާވޭ ތަކަށްބަލާ އިރު ޓްރަމްޕަށް ކޮވިޑް ޖެހުމުގެ ފަހުން އޭނާގެ މަގްބޫލުކަން ވަނީ ކުރިޔަށްވުރެ ދެ ޕޮއިންޓް ދަށަށް ގޮސްފަ އެވެ. ފަހުގެ ސާވޭތަކަށް ބަލާއިރު ޓްރަމްޕް އުޅުއްވަނީ ބައިޑެން އަށްވުރެ 11 ޕޮއިންޓް ފަހަތުގަ އެވެ.

އިންތިޚާބު ބޯމަތިވާއިރު ކަރަންޓީނުގައި ތިބެންޖެހުމުން ޓްރަމްޕްގެ ކޭންޕޭނަށް ގޮތް ހުސްވެފައި

ޓްރަމްޕްވަނީ މިކަން ގަބޫލުކުރުމަށް ދެކޮޅު ހައްދަވައި ސާވޭކުރާ ފަރާތްތަކަކީ އޭނާއާ އިދިކޮޅު ފަރާތްތަށް ކަމަށް ސިފަކުރައްވައި އެއީ ސައްހަ ސާވޭތަކެއް ނޫންކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޓްރަމްޕްގެ މަގްބޫލުކަން ހުއްޓުމެއްނެތި ދަށަށްދިޔުމާ އަދި ކޮވިޑް އާ ގުޅިގެން ޓްރަމްޕާއި ޓްރަމްޕްގެ ކޭންޕޭންގެ އިސް ބައެއް ބޭފުޅުން ކަރަންޓީނުގައި ތިއްބަވަންޖެހުމާ އެކު ކޭންޕޭންގެ ހަރަކާތްތައް ހުއްޓިފައިވާތީ ޓްރަމްޕްގެ ކޭންޕޭން ވަނީ ހަދާނެގޮތެއް ނޭނގި ކަންބޮޑުވެ ގޮތް ހުސްވެފައި ކަމަށް އެމެރިކާގެ މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

(އެމެރިކާގެ މީޑިއާ)