އަގާމެދު އެއްބަސްވުމަކަށް އާދެވި ބޯލްޓަންއަށް ކުޅުނު ޑިފެންޑަރު ގެރީ ކޭހިލް އިނގިރޭސި ކްލަބް ޗެލްސީއަށް ބަދަލުވެއްޖެ އެވެ.

އުމުރުން 26 އަހަރުގެ ކޭހިލް ޗެލްސީއާ ބަދަލުވީ ހަތް މިލިއަން ޕައުންޑަށެވެ. މެޑިކަލް ޓެސްޓްގައި ބައިވެރިވެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ކޭހިލް ބުނެފައި ވަނީ، ޗެލްސީގެ ކުޅުންތެރިއަކަށް ވެގެންދިއުމަކީ ކުރިން ވެސް ކުރަމުންއާ އުންމީދެއް ކަމަށެވެ. އަދި މިހާރު އެ އުއްމީދުގެ އެންމެ ފަހު މަންޒިލް ވާސިލު ވެވުނީ ކަމަށެވެ.

"ވަރަށް އުފާވެއްޖެ. އަހަރެންގެ ހުވަފެނެއް ހަގީގަތަކެއް މި ބަދަލުވީ. މިކަހަލަ ބޮޑު ކުލަބަކަށް ބަދަލުވެވުނީތީ ވަރަށް އުފާކުރަން." ކޭހިލް ބުންޏެވެ.

ގެރީ ކޭހިލް ބުނީ، ޗެލްސީއިން ހުށަހެޅި އެއްބަސް ވުމަކީ އޭނަ ހިތް ހަމަޖެހޭ ވަރުގެ ހުށަހެޅުމެއް ކަމަށާއި އެހުށަހެޅުމަށް ބޯލަބާފައި ވާނީ ހެޔޮހިތުން ކަމަށެވެ. އަދި ޗެލްސީއާ ގުޅުމަށް ކުރިން ވެސް ވިސްނާފައި ވާނޭ ކަމަށް ކޭހިލް ބުންޏެވެ.

"އަހަރެންގެ އުމުރުން 12 އަހަރުގައި ޕްރެމިއާ ލީގު މެޗްތައް ބަލަން ފެށިން. ކޮންމެ ހަފްތާއެއްގެ ބަންދުތެރޭ ލީގު މެޗްތައް ބަލަން. ޗެލްސީގެ ކުރީގެ ތަރި ޖިމީ ފްލޮއިޑް ހަސެލް ބޭންކް ގޯލްޖަހާތަން ބަލަން. ހަސެލްބޭންކް މެންޔޫ ކޮޅަށް ޖެހި މޮޅު ލަނޑުގެ ފަހުން ކުލަބަށް ސަޕޯޓުކުރަން ފެށިން."

ކޭހިލް ޗެލްސީއަށް ބަދަލުވިއިރު، އެކުލަބްގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫގެ ވިސްނުން ހުރީ އެކުލަބް ދޫކޮށްދިއުމަށެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން، ޗެލްސީ ދޫކޮށްލުމުގެ ވިސްނުމެއް ލުކާކޫ ގެންގުޅެނީ އޭނާ އަށް ކުޅުމުގެ ފުރުސަތު ކުލަބުން ނުދޭތީ ކަމަށް ބުނެ އެވެ. އެހެން ކަމުން އަންނަ ސީޒަނުގައި އެހެން ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް އޭނާ ގެންގުޅޭ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.